ނުރައްކާތެރި ކޮވިޑް-19 ހުއްޓުވުމަށް ކަމަށް ބުނެ ޗައިނާ ހިންގާ ޒީރޯ-ކޮވިޑް ސިޔާސަތުގެ ސަބަބުން އެގައުމުގެ އިގްތިސާދު ހިމެނޭގޮތަށް އޭގެ އަސަރު މުޅި ދުނިޔެއަށް ވެސް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ އުސޫލުތަކުގެ ސަބަބުން އެތައް ސަތޭކަ ކާގޯ ބޯޓުތަކެއް ބަނދަރުތަކުގައި ތާށިވެފައި ވާއިރު، އޭގެ ސަބަބުން ފްރައިޓް ހަރަދުތަކާއި ދުނިޔޭގެ އިންފްލޭޝަނަށް އަސަރުކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޝިޕިން ކުންފުނި ކަމަށްވާ މާރސްކް އިން ލަފާކުރާ ގޮތުގައި ފުރަބަންދުގެ ސަބަބުން މުދާއުފުލާ ޓްރަކްތަކުގެ ހިދުމަތަށް ވަރަށް ބޮޑަށް އަސަރުކުރާނެ އެވެ.

އަދި ދަތުރުފަތުރުގެ ހަރަދުތައް ހީވެސް ނުކުރާ މިންވަރަށް އުފުލިގެން ހިނގައިދާނެ ކަމަށް ބުނެފައި ވެއެވެ. ބުނެވޭ ގޮތުގައި ދުނިޔޭގެ %90 މުދާ އުފުއްލާ އުޅެނީ ކަނޑުމަތީގައެވެ. ފްރައިޓް ޗާޖުތައް އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ނޭދެވޭ އިގުތިސާދީ ލޮޅުންތަކެއް އަރާނެއެވެ. އިންސައިޑް އޯވަރ ގައި ރިޕޯޓްކުރާގޮތުގައި ވިޔަފާރިތަކުން މި ހިތާމަވެރި ކުރިއެރުން ބަލައިނުގަންނާނެއެވެ. އަދި ކަސްޓަމަރުންގެ އަތުން ކުރާ ޚަރަދު އެހެން ދިމާލަކަށް އަނބުރާލާނެ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ޝަންހާއީ ޕޯޓް ލޮޖިސްޓިކްސް ކުންފުނިތަކުގައި ޓްރެފިކްގެ ދަތިކަން ބޮޑުވުމުގެ ސަބަބުން އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކުން ވަނީ އެހެން ބަނދަރުތަކުގައި ހުރި އުފެއްދުންތައް އޯފްލޯޑް ކުރުމަށް އިލްތިމާސްކޮށްފައެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ޝިޕްމަންޓާއި ސްޓޯރޭޖް ޗާޖު ނަގަން މަޖުބޫރުކުރުވާނެއެވެ.

އެޕަލްގެ ސަޕްލަޔަރު ފޮކްސްކޯން އިން ވެސް ވަނީ އެ ކުންފުނީގެ ޕްރޮޑަކްޝަން ސަސްޕެންޑްކޮށްފައެވެ. ދުނިޔޭގެ އިންފްލޭޝަން މަތިވެ، ވިޔަފާރިތައް ބަންދުކުރުމުގެ ބިރުތައް ކުރިމަތިވަމުން އަންނައިރު، ޗައިނާގެ ރައްޔިތުންނަށް މިހާރުވެސް ފެންނަމުން ދަނީ އެންމެ ހިތްދަތި މަންޒަރުތަކެވެ. ދުނިޔެ އާންމު ހާލަތަށް ރުޖޫއަވަމުން އަންނައިރު، ޗައިނާގައި ދަނީ ކޮވިޑް-19ގެ އާ ވޭދަނަތައް އިތުރުވަމުންނެވެ. މީގެ ސަބަބުން ޗައިނާއާ މެދު ކުރާ އުންމީދުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ޗައިނާގެ ވިޔަފާރީގެ ވެރިރަށް ޝަންހާއީ އިން ދުވާލެއްގެ މައްޗަށް 20،000 އަށްވުރެ ގިނަ އޮމިކްރޮން ވޭދަނަ ރިޕޯޓުކުރެއެވެ. އެ ސިޓީގައިވެސް ހަރުކަށި އުސޫލުތައް ތަންފީޒު ކުރަމުންދާއިރު މިހާރު މީސްމީޑިޔާގައި އާންމުވެފައިވާ ވީޑިއޯ ތަކުން އެގައުމުގެ ސިއްހީ ހިދުމަތްތެރިން ކަރަންޓީން އުސޫލާ ހިލާފުވާ މީހުން ގަޔަށް ބަޑިޖަހަމުންދާތަން ފެނެއެވެ. މި ހުރިހާ ފިޔަވަޅެއް އެގައުމުން އަޅަމުން ދަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު