ކޮވިޑް-19 ޖެހިގެން އެމެރިކާއިން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އެގައުމުން މަރުވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވާކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.

"އެއިން ކޮންމެ މަރަކީ، އޭގެ އަގު ނުކުރެވޭވަރުގެ ގެއްލުމެއް. ޢާއިލާއެއް، މުޖުތަމަޢެއް، ޤައުމެއް، މި ބަލިމަޑުކަމުގެ ސަބަބުން ކޮންމެ ބަޔަކު ވެސް އަބަދުގެ އަބަދަށް ބަދަލުވެގެން ދިޔަ. ޖިލް އާއި އަހަރެން އެއިން ކޮންމެ މީހަކަށް ހެޔޮ ދުޢާ ކުރަން." ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.

މި އެއް މިލިއަން ފާހަގައަކީ، މި ބަލީގެ ނުރައްކާ އެތައް ބައެއްގެ ހިތުގައި ކުޑަވަމުން ދިޔަ ނަމަވެސް، މި ބަލިމަޑުކަމުގެ ސަބަބުން ލިބުނު ބޮޑު ހިތާމައާއި ގެއްލުމުގެ ހަނދާންތައް އާކޮށްދޭ އަލިގަދަ ނިޝާނެއް ކަމަށާއި އެއީ އެމެރިކާގެ ކޮންމެ 327 މީހަކުން އެއް މަރު، ނުވަތަ ސެން ފްރެންސިސްކޯ ނުވަތަ ސިއޭޓަލްގެ މުޅި އާބާދީއަށް ވުރެ ގިނަ މީހުން މަރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅީ މާރިޗް 11، 2020 ގައިއެވެ. އޭގެ ފަހުން މަހެއްހާ ދުވަހުގެ ތެރޭގައި، މި ނުރައްކާތެރި ވައިރަސް، ނިއުޔޯކް ސިޓީ ފަދަ އާބާދީ ބޮޑު ސިޓީތަކުގައި ހަލުވިކަމާއި އެކު ފެތުރެން ފެށިއެވެ.

2020 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގައި އެ ގައުމުގެ އަސްކަރިއްޔާއިން މަރުވި މީހުންގެ އަދަދަށްވުރެ އިތުރުވެގެން ގޮސްފައެވެ. 2021 ވަނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް އެގައުމުން 405،000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވާއިރު، މި އަދަދު 2021 ވަނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް ވަނީ ދެގުނަ ބޮޑުވެފައެވެ.

މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 6.7 މިލިއަން މީހުން ވަނީ މަރުވެފައެވެ.

ޑަބްލިއު.އެޗް.އޯއިން ބުނީ، ކޮވިޑް-19ގެ ޝިކާރައަކަށްވެ މަރުވި މީހުންގެ އިތުރުން، ނުސީދާ ގޮތުން މަރުވި މީހުންގެ އަދަދުވެސް ހިމެނޭ ގޮތަށް، މަރުވި މީހުންގެ ހަގީގީ އަދަދު 15 މިލިއަނާ ގާތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު