ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އިއްޔެ އައްޔަން ކުރެއްވި ރަނިލް ވިކްރަމަސިންހަ އަށް ތާއިދު ނުކުރާނެ ކަމަށް ސްރީލަންކާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ އެސްޖޭބީ އިން ބުނެފިއެވެ.

ސްރީލަންކާގެ ރައީސް ގޮޔަބަޔާ ރާޖަޕަކްސަގެ ޕީޕަލްސް ފްރަންޓަށް މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ސަރުކާރެއް އެކުލަވާލުމަށާއި ބޮޑުވަޒީރު ކަމުގައި ދެމިހުންނަވަން ރަނިލް އަށް އެސްޖޭބީގެ ތާއީދު ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެކަން މުޅިން ކަށަވަރު ވާނީ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުން ތިއްބެވި ގޮތެއް ސާފުވުމުންނެވެ.

އެންމެ ފަހުން ސްރީލަންކާގައި ބޭއްވި ގާނޫނު ހަދާ މަޖިލިސް އިންތިޚާބުގައި ރަނިލްގެ ޕާޓީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ. އެހެންކަމުން ގާނޫނު ހަދާ މަޖިލީހުގައި ރަނިލް އަށް ކަށަވަރު ކުރެވޭނެ ވޯޓްތަކެއް ނެތެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދޭސަގެ އެސްޖޭބީ އިން މިއަދު ބުނީ ބޮޑުވަޒީރު ކަމުގައި ރަނިލް ބަހައްޓަން އެޕާޓީން ތާއިދު ނުކުރާނެ ކަމަށެވެ. ސްރީލަންކާގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުންނާއި އަދި އެޕާޓީން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ރައީސް ގޮތަބަޔާ މަގާމުން ދުރުކުރުމުގެ މައްސަލަ އާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން މިއަދު އެސްޖޭބީގެ ލީޑާޝިޕް ބޭފުޅުން ބައްދަލު ކުރައްވާނެ ކަމަށް ވެސް އެސްޖޭބީ އިން ބުނެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އިއްޔެ އައްޔަން ކުރެއްވި ރަނިލް އަކީ ސްރީލަންކާގެ އެންމެ ތަޖުރިބާކާރު އެއްސިޔާސީ ލީޑަރެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ފަސް ފަހަރެއްގެ މަތިން ސްރީލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އިއްޔެ އަކީ އޭނާ ބޮޑުވަޒީރު ކަމާއި ހަވާލުވި ހަވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެތެރެ

    އިންޑިޔާއިން ދަނީ ލަންކާގެ ސިޔާސީ މީހުންނަ ލާރި އޮސްސަމުން

  2. ހުމާ

    ސަޖިތު ޕުރަމަދާސަޔަކީ މިހާރު ލަންކާޔަށް ދިމާވާ ހުރިހާ ކަމެެއްގެ ޒިންމާ ނަގަންޖެހޭ ފަރާތް.