ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ މީސްމީޑިއާ މަންސައެއް ކަމަށްވާ ޓުވިޓަ ގަންނަން ނިންމި ނިންމުން ވަގުތީ ގޮތުން އީލޮން މަސްކު މަޑު ޖައްސާލައިފިއެވެ.

ޓުވިޓާ ގަތުން މަޑުޖައްސާލާފައިވާކަން ހާމަ ކުރަމުން އީލޮން ކުރި ޓުވިޓެއްގައި ބުނީ، އެމަންސާ ގަތުން މަޑު ޖައްސާލާފައިވަނީ ގިނަ އަދަދެއްގެ ފޭކް އެކައުންޓްތައް ބޭނުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބުމުންނާއި އެކަން އިތުރަށް ބެލުމަށް ކަމަށެވެ.

އެގޮތުން އޭނާ ބުނީ އެކަން ކުރިއަށް ގެންދިއުމަށް ވިސްނާނީ ޓުވިޓާގައި ހުރި ފޭކް އެކައުންޓްތަކުގެ އަދަދު އެނގުމުން ކަމަށެވެ.

މީގެ ކުރިން ޓުވިޓާއިން ބުނެފައިވަނީ އެމަންސާ ބޭނުން ކުރާ މީހުންގެ ތެރެއިން ފަސް އިންސައްތަ މީހުންނަކީ ފޭކް ޓުވިޓާ އެކައުންޓް ބޭނުން ކުރާ މީހުން ކަމަށެވެ.

މި ހަބަރާއި އެކީ ޓުވިޓާގެ ހިއްސާގެ އަގު ވަނީ 20 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން ޕްރީމާކެޓް ޓްެރޭޑިންގައި 36 ޑޮލަރަށް ވެއްޓި، އީލޮންގެ އެއްބަސްވުމަށް އަމަލު ނުކުރެވިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑެވެފައެވެ.

ޓެސްލާ ކުންފުނީގެ ވެރިޔާ، އީލޮން މަސްކަށް ޓުވިޓާ ވިއްކާލަން އެކުންފުނިން ނިންމާފައިވަނީ 44 ބިލިއަން ޑޮލަރަށެވެ. އޭނާ ޓުވިޓާ ގަތުމަށް ބިޑް ކޮށްފައިވަނީ 48 ބިލިއަން ޑޮލަރަށެވެ. އެއީ ހިއްސާއެއް 54.20 ޑޮލަރުގެ ނިސްބަތުންނެވެ.

ޓުވިޓާގެ އިންޑިޕެންޑެންޓް ބޯޑުގެ ޗެއާމަނެއް ކަމަށްވާ ބްރެޓް ޓައިލާ ބުނެފައިވަނީ ޓުވިޓާ ބޯޑުން އީލޮންގެ ހުށަހެޅުން ދިރާސާ ކުރުމަށް ވިސްނުންތެރިކަމާއި ގިނަ މަރުހަލާތައް ކުރިއަށް ގެންދިޔަ ކަމަށާއި އެކަން ކޮށްފައިވަނީ ދުރާލާ އަގަށް ވިސްނައިގެން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ޓުވިޓާގެ ހިއްސާދާރުންނަށް ވެސް އެންމެ ފައިދާ ކުރާނެ ގޮތަށް ބަލާފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.