އެމެރިކާގެ ސުޕަމާކެޓަކަށް ދިން ބަޑީގެ ހަމަލާގައި 10 މީހަކު މަރުވެ ތިން މީހަކު ޒަހަމް ވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ އެމެރިކާގެ ސިޓީއެއް ކަމަށްވާ ބަފަލޯގައި ހުންނަ ކަޅު ނަސްލުގެ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެއްގައި ހުންނަ މާކެޓެއްގެ ތެރޭގައެވެ.

އެގައުމުގެ ސަލާމަތީ ބާރުތަކުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެއަމަލީ ނަސްލީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ހަރުކަށީ ފިކުރުގެ މީހަކު ދީފައިވާ ހަމަލާއެއް ކަމަށާއި އެކަން ކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކު ކަމަށެވެ.

އެގައުމުގެ ފުލުހުން ބުނީ، ހަމަލާދިން މީހާ ހުރީ އޭނާގެ އަމިއްލަ ސަލާމަތަށް ވެސްޓް އަޅައިގެން ކަމަށާއި ހަމަލާ ދީފައިވަނީ ރައިފަލަކުން ކަމަށެވެ. އަދި އެއީ ނިއުޔޯކް ސްޓޭޓްގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށެވެ.

ބަފަލޯގެ ފުލުހުންގެ ކޮމިޝަނަރ ޖޯސަފް ގްރަމަލިއާ ބުނެފައިވަނީ މިހާދިސާގައި މަރުވެފައިވަނީ އެތަނަށް ގޮސް އުޅުނު އާންމުންގެ 9 މީހަކާއި އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ކުރީގެ ފުލުހަކު ކަމަށެވެ.

މި ހަމަލާދިން އިރު އެފިރިހެން މީހާ ވަނީ ވީޑިއޯ ކޮށްފައެވެ. އަދި ފުލުހުން އެސަރަހައްދަށް ދިއުމުން އޭނާ ވަނީ އަމިއްލަ ބޮލަށް ބަޑި ޖަހައި މަރުވާން އުޅެފައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ އާއި ވާހަކަ ދައްކައި ރަނގަޅުވުމަށް ފުރުސަތު ލިބޭނެ ކަމަށް ބުނެ އެކަން ހުއްޓުވައި އޭނާ ހައްޔަރު ކޮށްފައެވެ.

އަދި މިހާރު ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ގޮތަށް ޖަލު ބަންދުކޮށްފައިވާ ކަމަށާއި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު