އޮސްޓްރޭލިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ އޮސްޓްރޭލިއާގެ ދުރު ރާސްތާ ރަށެއް ކައިރިއަށް 7.3 މެގްނިޓިއުޑް ބާރުމިނުގައެވެ.

މީޓިއޮރޮލޮޖީ ބިއުރޯއިން މައުލޫމާތު ދީފައިވާގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ޕެސިފިކް ކަނޑުގެ ހުޅަނގު ދެކުނު ގައި އޮންނަ މެކުއަރީ އައިލެންޑް ކައިރިއަށެވެ.

މި ބިންހެލުން އައީ 29.3 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފައި ވަނީ ބީއޯއެމް އާއި ނިއުޒީލެންޑުގެ ދެކުނުގައި އޮންނަ އޮސްޓްރޭލިއާގެ ސަރަހައްދަށެވެ. އޮސްޓްރޭލިއާގެ މައި ރަށަށް ސުނާމީގެ އިންޒާރު ދީފައެއް ނުވެއެވެ. ބިންހެލުމުގެ އިންޒާރު ދިން ސަރަހައްދަކީ އިންސާނުން ދިރިއުޅޭ ސަރަހައްދެއް ނޫނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބިންހެލުމުގެ އިންޒާރު ދިން ރަށުގައި ދިރިއުޅެނީ ޕެންގްއިން އާއި އެކިވައްތަރުގެ ޖަނަވާރު ކަމަށެވެ. ބިންހެލުމުގެ އިންޒާރު ދިނުމަށްފަހު ބިންހެލުމުގެ އިންޒާރު މިހާރު ވަނީ އުވާލާފައެވެ.

މި ބިންހެލުން ވަނީ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިންވެސް ރެކޯޑްކޮށްފައެވެ.

މެކުއަރީ އަކީ މީގެ ކުރިން ވެސް ބާރުގަދަ ބިންހެލުންތައް އައިސްފައިވާ ސަރަހައްދެކެވެ. 2004 ވަނަ އަހަރު ވެސް އެސަރަހައްދަށް 8.1 މެގްނެޓިއުޑްގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އައެވެ. އޭގެ ކުރިން ދެން އެސަރަހައްދަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 1989 ވަނަ އަހަރުއެވެ. އެއަހަރު 8.2 މެގްނެޓިއުޑްގެ ބިންހެލުމެއް އައެވެ.

މިއަދު އައި ބިންހެލުމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދަކަށް އެއްވެސް އަސަރެއް ކުރިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު