ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމު ކުރުމަށް މައިގަނޑު ހަތަރު ނުކުތާއެއް ހިމަނައިގެން އިޓަލީވިލާތުން ޕްލޭނެއް އެކުލަވާލައިފިއެވެ.

އިޓަލީވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިޓަލީވިލާތުގެ ފޮރިން މިނިސްޓަރ ލުއިޖީ ޑި މައިއޯ ވަނީ ހަނގުރާ ހުއްޓާލުމަށް އިޓަލީވިލާތުން އެކުލަވާލި ޕްލޭންގެ މައުލޫމާތު މިހަފްތާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެންޓޯނިއޯ ގުޓާރެސް އަށް އަރުވާފައެވެ.

އިޓަލީވިލާތުގެ ޕްލޭންގެ މައުލޫމާތު ޖީ-7 ގައި ހިމެނޭ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަންވިލާތައް ވެސް މިހާރު ވަނީ ދީފައެވެ.

މިޕްލޭންގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އޮތީ ހަނގުރާމަގައި ހަމަލާތައް ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމެވެ. އެއަށްފަހު ދެފަރާތުގެ ދެމެދުގައި އިތުބާރު އުފައްދައި، ސުލްހައިގެ ވާހަކަތަކަށް އިތުރަށް މަގުފަހި ކުރުމެވެ.

ޕްލޭންގެ މައިގަނޑު ހަތަރު ކަންތަކުގެ ތެރެއިން ކޮންމެ ކަމެއް ވެސް ފުރިހަމަ ކުރުމަށް ފަހު ނޫނީ ދެން އޮންނަ މަރުހަލާއަކަށް ނުދިއުމަށް އިޓަލީވިލާތުން ވަނީ ނިންމާފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ފަހު ދެވަނަ ކަމެއްގެ ގޮތުގައި އޮތީ ބައިނަލްއަޤުވާމީ ދުނިޔޭގައި ޔޫކްރޭނަށް ދެން އޮންނާނެ ދައުރަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އޭގެތެރޭގައި ޔޫކްރޭން އީޔޫގެ މެންބަރަކަށް ވުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުން ވެސް ހިމެނެއެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި އޮތީ ކްރިމިއާ އާއި ޑޮންބަސް ސަރަހައްދުގެ މިނިވަންކަމާއި ގުޅޭ މަޝްވަރާތަކެވެ. ކްރިމިއާ އަކީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި މިހާރު ނިންމާފައި އޮތް ނަމަވެސް މިމަޝްވަރާތަކުގައި އަނެއްކާވެސް ކްރިމިއާގެ މައްސަލަ އާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ރަޝިއާ އިން މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފައިވާ ޑޮންބަސްގެ "ދެގައުމުގެ" މިނިވަންކަމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

ހަތަރުވަނަ އަދި އެންމެ ފަހު ކަމެއްގެ ގޮތުގައި އޮތީ ޔޫކްރޭންގެ ސަލާމަތާއި ގުޅޭ ގޮތުން ބައިނަލްއަޤުވާމީ އެއްބަސްވުމެއް އެކުލަވާލުމެވެ. އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުން ޔޫކްރޭންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެއެވެ. އަދި ޔޫކްރޭންގެ ފަރާތުން ރަޝިއާ އަށް ވެސް ނުރައްކަލެއް ކުރިމަތި ނުވާނެކަމުގެ ކަށަވަރުކަން ދޭނެއެވެ.

މި ޕްލޭން ކާމިޔާބު ކުރުމަށް މިހާރު އިޓަލީވިލާތުން ވަނީ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާާެަަަަަަަަަަްއަަލިިިިިިިިިިިިިީ

    ނުވަަާނެ