ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބައިވެރިވި ރަޝިއާ ސިފައިންގެ މީހަކު އުމުރަށް ޖަލަށް ލާން ޔޫކްރޭންގެ ވެރިރަށް ކިއޭވްގެ ކޯޓަކުން މިއަދު ހުކުމް ކޮށްފިއެވެ.

ރަޝިއާގެ އުމުރުން 21 އަހަރުގެ ސިފައިންގެ މީހާގެ މައްޗަށް އުފުލި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވުމާއިއެކު އޭނާ ވެގެން ގޮސްފައި ވަނީ މިހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާ ހިންގުމުގެ ކުށް ސާބިތުވި ރަޝިއާގެ ފުރަތަމަ ސިފައިންގެ މީހާއަށެވެ.

ރަޝިއާގެ ސިފައިންގެ މީހާގެ މައްޗަށް ދައުވާ އުފުލީ ހަތިޔާރެއް ޔޫކްރޭންގެ މީހަކަށް ހަމަލާދީ އޭނާ މަރާލި ކަމަށް ބުނެއެވެ. ކޯޓުގައި ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ވަޑިމް ޝިޝިމަރިން ނަމަކަށް ކިޔާ ސިފައިންގެ މީހާ ވަނީ ޔޫކްރޭންގެ 62 އަހަރުގެ މީހެއް ކަމަށްވާ އޮލެކްސަންޑާ ޝެލިޕޯވް މަރާލާފައި ކަމަށެވެ. އޭނާ މަރާލީ ހަނގުރާމަ ފެށުނު ދުވަސްކޮޅު ޔޫކްރޭންގެ އުތުރުގެ ސިޓީއެއް ކަމަށްވާ ސަމީގައެވެ.

ރަޝިއާ ސިފައިންގެ މީހާ ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާއަށް ކޯޓުގައި އިއުތިރާފް ވެފައެވެ. އޭނާ ކޯޓުގައި ބުނީ އޭނާ އަށް ކުރެވުނު ކުށަށް މާއާފަށް އެދޭކަމަށާއި، އޭނާއަށް ކުރެވުނު ކުށާއި މެދު ހިތާމަ ކުރާކަމަށެވެ. ކުރެވުނު ކުށަށް ކޮންމެ އަދަބެއް ދިން ނަމަވެސް އެއަދަބެއް ބަލައި ގަންނާނެ ކަމަށް އެންމެ ފަހުން އޮތް އަޑުއެހުމުގައި އޭނާ ބުނެފައި ވެއެވެ.

ރަޝިއާ ސިފައިންގެ މީހާގެ ވަކީލު ބުނީ ރަޝިއާ ސިފައިންގެ މީހާގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދިޔައީ އިންސާފުން ނޫން ކަމަށެވެ. ޝަރީއަތް ކުރިއަށް ގެންދިޔައީ އާއްމުން ޕްރެޝަރު ކުރާތީ އާއްމުން ބޭނުންވާ ގޮތައް ކަމަށް ވެސް ވަކީލު ބުންޏެވެ. އޭނާ ވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

މައްސަލަ އިސްތިއުނާފު ކުރުމަށް ރަޝިއާ ސިފައިންގެ މީހާއަށް 30 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ.

ޔޫކްރޭނުން ބުނާ ގޮތުގައި ރަޝިއާ އިން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ އަދަދު ދިހަހާހަށް ވުރެ ގިނައެވެ. ޔޫކްރޭން ސިފައިންގެ އަތްދަށުވެފައިވާ ރަޝިއާގެ ވަކިވަކި ސިފައިންގެ މައްޗަށް ކުރިއަށް އޮތްތަނުގައި ދައުވާ އުފުލާނެ ކަމަށް ވެސް ޔޫކްރޭނުން ވަނީ ބުނެފައެވެ.

ރަޝިއާ އިން ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭނާއި ދެކޮޅަށް ފެށި ހަނގުރާމަ އަދިވެސް މެދުކެނޑުމެއް ނެތި ކުރިއަށް އެބަދެއެވެ. އަދި އަވަސް މުސްތަގުބަލެއްގައި ހަނގުރާމަ ހުއްޓިދާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ވެސް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު