ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިކަމުގެ ސަބަބުން އެގައުމަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރަން ރަޝިއާ އިން ސާފުނުކުރާ ތެޔޮ ގަންނަން ފަށައިފިއެވެ.

ސްރީލަންކާ އިން ރަޝިއާގެ ތެޔޮ ގަންނަން ނިންމާފައި ވަނީ ރަޝިއާ އާއި ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ. އެދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާ އާއިއެކު ފައިސާގެ މުއާމަލާތްތައް ކުރަން ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. އަދި ރަޝިއާ އިން ތެޔޮ ގަންނަ ގައުމުތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހުޅަނގުގެ ގައުމުތަކުން އަންނަނީ ދެމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްރީލަންކާ އިން ނިންމާފައި ވަނީ "ސައިބީރިއަން ލައިޓް" ތެޔޮ ރަޝިއާ އިން ގަންނަން ނިންމާފައެވެ. އެއީ ވަރަށް މަތީ މިންވަރަކަށް ސަލްފާ ހިމެނޭ ސާފުނުކުރާ ތެލެކެވެ. އެއީ އަގު ވަރަށް ހެޔޮ ތެލެކެވެ.

ސްރީލަންކާ އިން ނިންމާފައި ވަނީ ސާފު ނުކުރާ ތެޔޮ ސްރީލަންކާގެ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ރެފިނެރީގައި ސާފުކުރާށެވެ. އެ ރެފިނެރީގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. ސިލޯން ޕެޓްރޯލިއަމް އިން ބުނީ ސްރީލަންކާއަށް ރަޝިއާ އިން އެތެރެ ކޮށްފައިވާ ސާފުނުކުރާ ތެލުގެ ފުރަތަމަ ޝިޕްމަންޓް މާދަމާ ސްރީލަންކާގެ ރެފިނެރީ އާއި ހަމައަށް ފޯރާނެ ކަމަށެވެ.

ރަޝިއާގެ ތެޔޮ ޓޭންކަރެއް މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ބަނދަރު ކޮށްފައި އެބައޮތެވެ.

މާދަމާ ތެޔޮ ޓޭންކަރުން ތެޔޮ ބާލަން ފެށި ނަމަވެސް ސްރީލަންކާ އިން އެތެލަށް ފައިސާ ދައްކަނީ ކިހިނެއް ކަމެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ގައުމުތަކުން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލި ނަމަވެސް މިހާރު ވެސް ޗައިނާ އާއި އިންޑިއާ އިން ދަނީ ރަޝިއާގެ ތެޔޮ ގަންނަމުންނެވެ. ރަޝިއާގެ ތެޔޮ އިންޑިއާ އިން ގަންނާތީ ހުޅަނގުގެ ގައުމުތަކާއި އެމެރިކާ އިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ސްރީލަންކާ އަށް ކުރިމަތިވެފައިވާ ތެޔޮ ލިބުމުގެ ދަތިކަން ހައްލުކޮށް އެގައުމަށް 24 ގަޑިއިރު ކަރަންޓް ދިނުމަށް މިހާރު އަންނަނީ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާ އިން ފެށިގެން ސްރީލަންކާއަށް 24 ގަޑިއިރު ކަރަންޓް ދޭށެވެ. މިހާރު އެގައުމުގެ ގިނަ ސަރަހައްދުތަކަށް ކަރަންޓް ލިބެނީ ދުވާލަކު އަށެއްކަ ގަޑިއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު