ފްރާންސްގެ ސުޕަމާކެޓްތަކުން ނުވިކި ހުންނަ ކުނިނުވާ ޒާތުގެ ކާބޯތަކެތި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިނުން، އެޤައުމުގެ ޤާނޫނަކުން ލާޒިމުކޮށްފިއެވެ.

2016 ވަނަ އަހަރު ހުށަހަޅާފައިވާ ބިލެއް ފާސްކޮށް، މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާއިރު، މިގޮތަށް ޢަމަލުނުކުރާ ސުޕަމާކެޓްތައް، 3224 ޔޫރޯ ނުވަތަ 4500 އެމެރިކާ ޑޮލަރުން ޖޫރިމަނާކުރެވޭނެއެވެ.

މި ޤާނޫނުގެ ސަބަބުން، ފްރާންސްގައި ކާބޯތަކެތި ނުލިބޭ މީހުންނަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ޗެރިޓީ ޖަމާއަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންގޮސްފައިވާއިރު، އެފަރާތްތަކުން ހަދިޔާކުރާ ކާތަކެތީގެ ފެންވަރު، މިކަމުގެ ސަބަބުން ރަނގަޅު ވެފައިވާކަމަށް އެފަރާތްތަކުންވެސްވަނީ ބުނެފައެވެ.

ފްރާންސްގެ އެކި ސަރަޙައްދުތަކުގައި 9000 އެއްހާ ސުޕަމާކެޓް ހިންގަމުންދާއިރު، އެތަންތަނުން އެންމެ ގިނައިން ހަދިޔާކުރަނީ ޔޯގަޓާއި، ޗީޒް، ކުނިނުވެ ހުންނަ ޕިއްޒާ، މޭވާ ތަރުކާރީއެވެ.

ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ، 5000 އެއްހާ ޗެރިޓީ ޖަމާއަތް، ފްރާންސްގައި ހިންގަމުންދާއިރު، އެފަރާތްތަކުން ކުރިން ބަރޯސާވަމުން އައީ ހަމައެކަނި ފުޑް ބޭންކުތަކަށެވެ. އެހެންނަމަވެސް، މި ނިންމުމާ ގުޅިގެން އެފަރާތްތަކުން ފޯރުކޮށްދޭ ކާނާގެ ދެބައިކުޅަ އެއްބައި ހޯދަނީ ސުޕަމާކެޓްތަކުންނެވެ.

މި ޤާނޫނަށް ޢަމަލުކުރަމުންދާތާ މިހާރު ދުވަސްކޮޅެއްވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހ

    މިގައުމުގަވެސް މިހެން ހަދަން ފެނޭ