އެމެރިކާއިން ފާއިތުވި 24 ގަޑިއިރު މަކުނު ވިދުރި (މަންކީ ޕޮކްސް) ގެ 3000 އަށްވުރެ ގިނަ ވޭދަނަ ފެނިއްޖެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަކުނު ވިދުރީގެ ފަހުގެ މައުލޫމާތު ގެނެސްދޭ އިދާރާއަކުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއިން ފާއިތުވި 24 ގަޑިއިރު މަކުނު ވިދުރީގެ 344 ވޭދަނަ ވަނީ ފެނިފައެވެ. މިއާއި އެކީ އެގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،814 އަށް އަރާފައެވެ.

އެއިދާރާއިން އަންދާޒާ ކުރާ ގޮތުގައި ކުރިއަށް އޮތް 72 ގަޑިއިރު ތެރޭގައި އެގައުމުން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި 24 ގަޑިއިރު ފައްސިވި މީހުންނަށް ވުރެ ދެގުނަ އިތުރުވެގެން ހިނގައިދާނެއެވެ.

މަކުނު ވިދުރި ފެނިފައިވާ ގައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވަނީ ސްޕެއިން އިންނެވެ. އެގައުމުން މިހާތަނަށް 3،063 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ ޖަރުމަންވިލާތުންނެވެ. އެގައުމުން މިހާތަނަށް ފައްސިވެފައިވަނީ 1،859 މީހެކެވެ.

ތިން ވަނަ އަށް 1،856 މީހުންނާއި އެކީ އިނގިރޭސިވިލާތް އޮތްއިރު ހަތަރު ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އެމެރިކާއެވެ.

މިހާރު ގިނަ ގައުމުތަކުން ފެންނަމުންދާ މަކުނު ވިދުރި ގިިނައިން ފެނިފައިވަނީ ސެކުސުއަލް ހެލްތު ކްލިނިކަށް ޒިޔާރަތްކުރި ފިރިހެނުންގެ ފުށުންނެވެ. މިފިރިހެނުންނަކީ އެއްޖިންސުން ގުޅުންހިންގާ މީހުންކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން މިބަލި ފެނުން އިތުރުވަނީ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ.

އިންސާނުންގެ ތެރޭގައި މަކުނު ވިދުރި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހާގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާ ނިޒާމަށް ގޮސްގެންނާއި، ބަލިމީހާގެ ހަމުގައި ނަގާ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ހޭކި، ކޭތި ނޫނީ ޖެހުމުންނާއި، ބަލިމީހާ ބޭނުންކުރާ ހެދުން ފަދަ އަންނައުނާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ. މީގެ އިތުރުން ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅަށް ނޫނީ ބަނޑުގައި އޮއްވައި ތުއްތު ދަރިފުޅަށް ފޫޅުގެ ޒަރީޢާއިން ބަލި ވާޞިލްވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި އުފަންވާއިރު މަކުނު ވިދުރި ޖެހިފައިވުމަކީ ގާތް ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ ބަލީގެ އަލާމާތްތައް ފެންނަ ދުވަސްވަރު ގައެވެ.

މަކުނު ވިދުރިއަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ނެތެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ. އެކަށޭނަ ވަރަށް ދިޔާތަކެތި ދިނުމާއި، ތަދާއި ރިހުންތައް ލުއިކޮށްދިނުން އަދި ސެކަންޑަރީ ބެކްޓީރިޔަލް އިންފެކްޝަން އަށް ފަރުވާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މަކުނު ވިދުރިއަށް އެންޓިވައިރަލް އެއް ތައްޔާރުކުރެވި ހުއްދަ ދެވިފައިވީނަމަވެސް، ފަސޭހައިން ލިބެން ނުހުރުމާއި، އަދި ހަމައެކަނި ދިރާސާކުރުމުގެ ނިޔަތުގައި ބޭނުންކުރެވޭތީ އާންމުކޮށް މިބޭސް މަކުނު ވިދުރި ފަރުވާގައި ބޭނުންކޮށެއް ނޫޅެއެވެ.