ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ ޕޯޗުގަލް، ފްރާންސް އަދި ސްޕެއިންގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ވަރަށް ބޮޑަށް ފެތުރެމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހަފްތާގައި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ޖަންގަލިތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވާން ދިމާވީ ވަރަށް ބޮޑަށް ހޫނު ގަދަވެގެންނެވެ. މި އަލިފާންގަނޑުތައް ނިއްވުމަށް އެތައް ހާސް އަލިފާން ނިއްވާ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފަރަންސޭސިވިލާތުގެ ބޯޑޯ ސަރަހައްދުގައި އޮންނަ ޕައިން ފޮރެސްޓު ރޯވެ އަނދަމުންދާތާ މިހާރު ވަނީ ފަސްދުވަސް ވެފައެވެ. އަދި ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ.

މަތިންދާ ބޯޓުން ފެން އުކާ އަލިފާން ނިއްވުމަށް ހަރަކާތްތެރިވިމީހެއް ވެސް ވަނީ މި ހާދިސާތަކުގައި މަރުވެފައެވެ. އެގޮތުން އޭނާ މަރުވީ ޕޯޗުގަލްގެ އިރުއުތުރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން އުޅުމުގެ ތެރޭގައި އަލިފާންގަނޑަށް ވެއްޓިގެންނެވެ.

އަލިފާނުގެ ސަބަބުން މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު މި ހަފުތާގައި އެތައް ސަތޭކަ ބަޔަކު ވަނީ ސިޓީތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އާދަޔާ ޚިލާފަށް ފިނިހޫނުމިން ގަދަވެ މިއަހަރުގެ ކުރީކޮޅުވެސް ޔޫރަޕްގެ ބައެއް ހިސާބުތަކުގައި އަލިފާނުގެ ޙާދިސާތައް އިތުރުވިކަން ފާހަގަ ކުރެވެއެވެ.

ރޯވެފައިވާ މި އަލިފާންގަނޑުތައް އެއްކޮށް ނިއްވާލެވޭނެ ތާރީހެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.