އަންނަ އޮގަސްޓް މަހު ސްރީލަންކާ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ސަބްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށް ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރައީސް ކަމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން ވަގުތީގޮތުން ރައީސް ކަމާއި ހަވާލުވެ ވަޑައިގެން ހުންނެވި ބޮޑުވަޒީރު ރަނިލް ވަނީ އިއްޔެ ކެބިނެޓާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. އެބައްދަލު ކުރެއްވުމުގައި ރަނިލް ވަނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް އަޅުއްވަން އޭނާ ނިންމަވާފައިވާ ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

އެގޮތުން އޮގަސްޓް މަހު ސަބްސިޑަރީ ބަޖެޓެއް ހުށަހަޅާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރެވެން ހުރި ގޮތްތައް ހުށަހަޅުއްވާނެ ކަމަށް ރަނިލް ވިދާޅުވިއެވެ.

އަދި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތެލާއި ބެހާއި ކާބޯތަކެތީގެ ބާވަތްތަކާއި އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ މަގު ތަނަވަސް ކުރުމަށް ކަމަށް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ ސްރީލަންކާގެ ހާލަތު މިހާރު އޮތް ގޮތުން ސްރީލަންކާ އިން ކޮރަޕްޝަން ހުއްޓުވަން ވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެއީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ.

ސްރީލަންކާގެ ރައީސް ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް އަންނަ އާދީއްތަ ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ވޯޓް ނަގާނެއެވެ. ރައީސް ކަމަށް ރަނިލް ވެސް ވާދަކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ރަނިލް ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރަނިލް އިންތިހާބުގައި ވާދަކުރާނީ އިސްތިއުފާ ދެއްވި ރައީސް ގޮތަބަޔާގެ އެސްއެލްޕީޕީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު