ސްރީލަންކާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދިޔަ މީހުން އެގައުމުގެ ރައީސްގެ އޮފީހާއި ރައީސް ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަތާ ދެހަފްތާ ފަހުން، އަލުން މިއަދު އޮފީސް ހުޅުވައިފިއެވެ.

މުޒާހަރާ ކުރަމުން ދިޔަ މީހުން ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރު ހުންނަ އިމާރާތް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ މިމަހުގެ 09 ވަނަ ދުވަހު އެވެ. ނަމަވެސް ރައީސް ކަމާއި ރަނިލް ވިކްރަމަސިންހަ ހަވާލުވުމަށް ފަހު ހުކުރު ވިލޭރޭ ދަންވަރު ސިފައިންނާއި ފުލުހުން ކުލިއަކަށް ގޯސް ފޭސް ސަރަހައްދަށް ޖަމާވެ، ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރުން އާމުން ނެރެ، ސަރަހައްދު ވަނީ "ސާފުކޮށްލާފައެވެ."

ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު ވަނީ ޖުލައި ނުވަވަނަ ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ރައީސް އޮފީސް ހުޅުވާފައެވެ. ނަމަވެސް ރިޔާސީ ގަނޑުވަރަށް ރައީސް ރަނިލް ބަދަލުވިކަން އަދި ސްރީލަންކާގެ ރަސްމީ ފަރާތްތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ސްރީލަންކާގެ ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރު ހިންގާ އިމާރަތަކީ 92 އަހަރު ވެފައި ހުރި ވަރަށް ތާރީޚީ އިމާރާތެކެވެ.

ސްރީލަންކާ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން އެއްވެފައި ތިބި މީހުން ރޫޅާލުމަށް ސިފައިންނާއި ފުލުހުން ހުކުރު ވިލޭރޭ އާދަޔާއި ހިލާފަށް ބާރުގެ ބޭނުން ކުރުމުން 48 މީހަކު ޒަހަމްވިއެވެ. އެއޮޕަރޭޝަންގައި ސިފައިން ވަނީ ނުވަ މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެންމެން ވެސް ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ސްރީލަންކާގެ އިޤުތިސޯދު ދަށަށް ގޮސް، އެގައުމުގެ 22 މިލިއަން ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުން ގެންދަނީ މީގެ ކުރިން ދުވަހަކު ވެސް އެގައުމުގެ ރައްޔިތުން ތަޖުތިބާ ނުކުރާ ފަދަ ދަތި ދުވަސްތަކެކެވެ. އިޤުތިޞާދު ރަނގަޅު ވަމުން އަންނަ ކަމުގެ އެއްވެސް ނިޝާނެއް އަދިވެސް ފެންނާކަށް ނެތެވެ.