ސްރީލަންކާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާއަށް ނިކުތް މީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓަކު ދުބާއީއަށް ފުރަން ފްލައިޓަށް އަރައި އިންދާ ސްރީލަންކާ ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްރީލަންކާގެ ބަންދާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން މިރޭ ދުބާއީއަށް ފުރަން އޮތް ފްލައިޓަށް އަރައި އިންދާ ހައްޔަރުކުރި އެކްޓިވިސްޓަކީ ދާނިޝް އަލީ އެވެ.

އަލީ އަކީ މިމަހުގެ 09 ވަނަ ދުވަހު މުޒާހަރާ ކުރި މީހުން ސްރީލަންކާގެ ގައުމީ ޓީވީ އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައިރު އެކަމުގައި އެންމެ އިސްކޮށް ހުރި އެކަކު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެދުވަހު އޭނާ ވަނީ ޓީވީއިން ވަގުތުން ބްރޮޑްކާސްޓް ކުރަމުން ދިޔަ ޕްރޮގްރާމަކަށް އަރައި، ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާ އަށް ވެސް ގޮވާލާފައެވެ.

މުޒާހަރާ ކުރި މީހުން އެދުވަހު ސްރީލަންކާގެ ގައުމީ ޓީވީގެ އިމާރާތައް ވަދެ އެތަނުން ފޮނުވަމުން ދިޔަ ޕްރޮގްރާމްތައް ހުއްޓުވާލިއެވެ.

އަލީ ހައްޔަރުކުރިކަން ކަށަވަރު ކޮށްދިނުމަށްފަހު ފުލުހުން މިރޭ ބުނީ އޭނާ ހައްޔަރުކުރީ ގައުމީ ޓީވީގެ އިމާރާތައް ބާރުގެ ބޭނުންކޮށްގެން ވަން މައްސަލައިގައި ކަމަށެވެ.

ސްރީލަންކާގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ 100 ދުވަސް ފަހުން މިދިޔަ ހުކުރު ވިލޭރޭ އެގައުމުގެ ސިފައިންނާއި ފުލުހުން ވަނީ މުޒާހަރާ ރޫޅާލާފައެވެ. އޭގެ ފަހުން ކޮލަމްބޯގެ ބައެއް ސަރަހައްދުތަކަށް މުޒާހަރާކުރާ މީހުން އެއްވި ނަމަވެސް އަދި ސިލްސިލާކޮށް މުޒާހަރާ ކުރާކަށް ނުފަށައެވެ.

ނަމަވެސް މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރަނިލް ވިކްރަމަސިންހަ ރައީސް ކަމުން އިސްތިއުފާ ދިނުމާއި ހަމައަށް އެމީހުން މުޒާހަރާ ކުރިއަށް ގެންދާނެއެވެ.

ރަނިލް މިހާރު އޮތީ ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމާއި މެދު މާދަމާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން ގޮތެއް ނިންމާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަސ

    ކޮބާ އިމްރާން

  2. ޖުއްބާ

    އެހެންވީމަ އަދިވެސް ގޮޓާބޭގެ ބާރުދޯ ލަންކާގަ އޮތީ...