އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުން ޗައިނާއިން ހިންހަމަނުޖެހުން ފާޅުކޮށްފިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ބުދަ ދުވަހު ވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާ މެދު އެ ގައުމުން ދެކޭ ގޮތް ހާމަކުރައްވައި އެއީ ޗައިނާއިން ނުރުހޭ ކަމެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ވާންގް ޔީ ވަނީ ޗައިނާއަށް އިހާނެތިކޮށް ހިތާ މީހުންނަށް އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
"އެމެރިކާއިން ޗައިނާގެ ސިޔާދަތަށް އަރައިގަންނަނީ 'ޑިމޮކްރަސީ' އޭ ކިޔާ އޮޅުވާލައިގެން. ޗައިނާއަށް އިހާނެތިކޮށް ހިތާމީހުންނަށް ހައްގު އަދަބު ދޭނަން،" އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ބައްދަލުވުމެއްގެ ހަވާސާގައި ވަންގް ވިދާޅުވި އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ އަދިވެސް ޗައިނާގެ ބައެކެވެ. އެގައުމުގައި ވަކި ދައުލަތެއް އޮތް ނަމަވެސް އެއީ ޗައިނާ ބަލައިގަންނަ ދައުލަތެއް ނޫންކަމަށް އެގައުމުން ބުނެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުންވެސް ޓައިވާނަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނޭދޭ ކަމަށް ޗައިނާއިން ބުނެއެވެ.

1949 ވަނަ އަހަރު ޗައިނާގެ ދާޚިލީ ހަނގުރާމަ ނިމުނުއިރު ކޮމިއުނިސްޓް ޗައިނާއާއި ޓައިވާނުން އެއްބަޔަކު އަނެއްބަޔަކާ ވަކިވެ، އެދެގައުމުގެ ވަކިވުން ވެގެން ދިޔައީ ބިން އުފެދިފައިވާ ގޮތުން ހައްލުކުރަން ވަރަށް އުނދަގޫ މައްސަލައަކަކަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ މިހަފްތާގައި ޓައިވާނަށް ކުރެއްވި ދަތުރުފުޅާއެކު ބެއިޖިންގގެ ނުރުހުން އެގައުމަށް އޮތްކަން ހާމަކޮށްފައި މިވަނީ، ހަނގުރާމައަށް ތައްޔާރުވާކަމުގެ އިންޒާރުތައް އިތުރުވެ، ޓައިވާނުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާކަން ޗައިނާއިން އިއްލާން ކުރުމަށްފަހުއެވެ.