ސްރީ ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިތުރު ދެ ހަފްތާ ވަންދެން ސިންގަޕޫރުގައި މަޑުކުރައްވަން ހުއްދަ ދެއްވުމަށް ލަންކާ ސަރުކާރުން ސިންގަޕޫރް ސަރުކާރުގައި އެދިއްޖެއެވެ.

ސިންގަޕޫރުގައި މިވަގުތު ހުންނެވި ގޮތަބަޔާގެ ވިސާގެ މުއްދަތު ހަމަވި އިރު، އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ގައުމުން ފުރާވަޑައިގަންނަވާނެ ކަމަށް ލަންކާ ސަރުކާރާއި ބޭރުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ގޮތަބަޔާ އަށް 14 ދުވަހުގެ ވިޒިޓް ޕާސް އެއް ދޫކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ރާއްޖެއިން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށް ވަޑައިގަތުމުންނެވެ. އެމަނިކުފާނަށް އެގައުމުގައި އިތުރު ދެ ހަފްތާ ވަންދެން ހުންނެވުމުގެ ހުއްދަ މިހާރު ވަނީ ދެއްވައިފައެވެ.

ރާޖަޕަކްސަ ރަސްމީގޮތުން އިސްތިއުފާ ދެއްވާފައިވާކަން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރުދަނާ އިއްލާން ކުރެއްވީ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

އުމުރުފުޅުން 73 އަހަރުގެ ގޯތަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގަތީ، ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ލަންކާގެ ކޮލަމްބޯގައި ކުރެވުނު ބޮޑު މުޒާހަރާގައި ބައެއް ބައިވެރިން އޭނާ ދިރިއުޅުއްވާ ގެކޮޅަށް ވަދެގަނެ ހިންގި ޖަރީމާތަކަށް ފަހުގައިއެވެ.

އެއަށްފަހު، ޖުލައި މަހުގެ 21 ވަނަ ދުވަހު ރަނިލް ވިކްރަމަސިންހަ ސްރީލަންކާގެ ރައީސްކަމުގެ ހުވާ ކުރެއްވިއެވެ. އެމަނިކުފާނު ލަންކާގެ ރައީސް ކަމުގެ ހުވާ ކުރެއްވީ އެގައުމުގެ އުއްތަމަ ފަނޑިޔާރު ޖަޔަންތަ ޖަޔަސޫރިޔާގެ ކުރިފުޅުމަތީގައި ގާނޫނު ހަދާ މަޖިލީހުގައެވެ.

ލަންކާގައި ތެލާއި އެހެނިހެން ޒަރޫރީ ތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އިރު އެގައުމުގެ އިންފްލޭޝަން ވަނީ އިންތިހާއަށް މަތިވެފައެވެ. މިހާރު ލަންކާ ދެކެމުން ދަނީ އިގުތިސޯދީ ގޮތުން އެންމެ ބޮޑު ހީނަރުކަމެއް ގެނުވި އަހަރެވެ.