ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ގަދަ 3 ގައި އޭޝިޔާ މީހަކު ހިމެނިއްޖެ އެވެ.

ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްއިން ދައްކާ ގޮތުގައި އަޑާނީ ގްރޫޕްގެ ޗެއާމަން ގޯތަމް އަޑާނީ އަކީ މިހާރު ފްރާންސްގެ ބާނާޑް އާނޯލްޓް ގެ މައްޗަށް ކުރި ހޯދުމަށް ފަހު ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި މީހާ އެވެ.

ގޯތަމް އަޑާނީގެ މިލްކިއްޔާތުގައި މިހާރު ޖުމްލަ 137.4 ބިލިއަން ޑޮލަރު ހުރި އިރު، އުމުރުން 60 އަހަރުގެ އަޑާނީ މިހާރު އުޅެނީ ރޭންކިންގެ އެއްވަނާގައި އޮތް ޓެކް ދާއިރާގެ މަހުޖަން އީލޮންމަސްކް އާއި ޖެފް ބެޒޯސްގެ ފަހަތުގަ އެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަޑާނީގެ ކުންފުނިތަކުން ވަނީ އެއަރޕޯޓް، ސިމެންތި، ކޮޕަރ ރިފައިނިންގ، ޑޭޓާ ސެންޓަރ، ގްރީން ހައިޑްރޯޖަން، ޕެޓްރޯކެމިކަލް ރިފައިނިންގ، މަގުތައް އަދިސޯލާ ސެލް މެނުފެކްޗަރިންގ ފަދަ ސެކްޓަރތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ.

އިންޑިޔާގެ މަޝްހޫރު މަހުޖަން ރިލަޔަންސްގެ ވެރިޔާ މުކޭޝް އަމްބާނީގެ މިލްކިއްޔާތުގައި 91.9 ބިލިއަން ޑޮލަރު ހުރިއިރު އޭނާ ހުރީ ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގެ 11 ވަނައިގަ އެވެ.

މިއީ ބްލޫމްބާގް ބިލިއަނަރސް އިންޑެކްސްގެ ގަދަ ތިނެއްގައި އޭޝިޔާ މީހަކު ހިމެނުނު ފުރަތަމަ ފަހަރެވެ. މި އިންޑެކްސް އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ކޮންމެ ދުވަހަކު ވެސްއަޕްޑޭޓް ކުރާ ރޭންކިން އެކެވެ. ކޮންމެ ބިލިއަނަރެއްގެ ޕްރޮފައިލް ޕޭޖުގައި ފައިސާ ހުރި މިންވަރަށް ބަލައި ހިސާބުތަކާ ބެހޭ ތަފްސީލު ތައް ހިމަނާފައި ވެ އެވެ. މި އަދަދުތައް އަޕްޑޭޓް ކުރަނީއެމެރިކާގެ ނިއުޔޯކްގައި ކޮންމެ ޓްރޭޑިން ދުވަހެއް ނިމުމުންނެވެ.

އީލޮން މަސްކް އާއި ޖެފް ބޭޒޯސްގެ މިލްކިއްޔާތުގައި މިހާރު ހުރީ 251 ބިލިއަން ޑޮލަރާއި 153 ބިލިއަން ޑޮލަރުގެ ފައިސާ އެވެ.