އެމެރިކާގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެއް ގައުމަކުން އެންމެ ގިނަ ދަރިވަރުން ތިބޭ ގައުމެއްގެ ގޮތުގައި އަބަދު ވެސް އޮންނަނީ ޗައިނާއެވެ. ނަމަވެސް މިއަހަރު އެ އަދަދު އިންޑިއާގެ ދަރިވަރުން އިތުރުވެ ވެއްޓިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ބުނެފިއެވެ.

އެމެރިކާގެ އިދާރާއަކުން ޖުލައި މަހާއި ހަމައަށް ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަތް މަހު ޗައިނާގެ ދަރިވަރުންނަށް ވިސާ ދޫކޮށްފައިވާ އަދަދަށްވުރެ ދެގުނަ އިތުރަށް އިންޑިއާގެ ދަރިވަރުންނަށް އެމެރިކާގެ ވިސާ ވަނީ އެގައުމުން ދޫކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހާއި ޖުލައި މަހާއި ދެމުދު 77،799 އިންޑިއާގެ ދަރިވަރުންނަށް ވަނީ F-1 ވިސާ ދޫކޮށްފައެވެ. އަދި މި މުއްދަތުގައި ވިސާ ދޫކޮށްފައިވަނީ ޗައިނާގެ 46،145 ދަރިވަރުންނަށެވެ. މީގެ ތެރެއިން ގިނަ ދަރިވަރުންނަށް ވިސާ ދޫކޮށްފައިވަނީ މޭއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައެވެ.
F-1 ކެޓެގަރީއަކީ އެމެރިކާގެ ޔުނިވަރސިޓީ ނުވަތަ ކޮލެޖް، ހައި ސްކޫލް، ޕްރައިވެޓް އެލިމެންޓަރީ ސްކޫލް، ސެމިނަރީ، ކޮންޒަވޭޓަރީ، ލެންގުއޭޖް ޓްރެއިނިންގ ޕްރޮގްރާމް ނުވަތަ އެކެޑެމިކް އިންސްޓިޓިއުޝަންތަކުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ދޭ ނޮން-އިމިގްރޭޝަން ވިސާ ކެޓެގަރީއެވެ.
މިދިޔަ އަހަރު ޗައިނާގެ 99،431 ދަރިވަރުންނަށް F-1 ވިސާ ދީފައިވާއިރު، އިންޑިއާގެ 87،258 ދަރިވަރުންނާއި ދެކުނު ކޮރެއާގެ 16،865 ދަރިވަރުންނަށް F-1 ވިސާ ވަނީ ދީފައެވެ. 2020 ވަނަ އަހަރު ޗައިނާގެ 4،853 ދަރިވަރުންނަށް އެ ވިސާ ދީފައިވާއިރު، އެއަހަރު އިންޑިއާގެ 21،908 ދަރިވަރުންނަށް އެވިސާ ވަނީ ދީފައެވެ.
އެމެރިކާއިން ބުނާ ގޮތުގައި 2020 ވަނަ އަހަރު ޗައިނާއިން އެގައުމަށް އައި ދަރިވަރުންގެ އަދަދު ބޮޑުތަނުން ދަށްވެފައިވަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ.
ކޮވިޑާއި ގުޅިގެން ޗައިނާއިން އެމެރިކާއަށް ކިޔެވުމަށްދާ ދަރިވަރުންގެ އަދަދު މަދުވި ނަމަވެސް، މިއަދާއި ހަމައަށް ވެސް ކިޔެވުމަށް އެމެރިކާއަށް އެންމެ ގިނަ ދަރިވަރުންދާ ގައުމެއްގެ ގޮތުގައި އޮތީ ޗައިނާއެވެ. ދެވަނައަށް އިންޑިއާ އޮތްއިރު، ތިން ވަނައަށް އޮތީ ދެކުނު ކޮރެއާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    އިންޑިޔާ މީހުން ތައުލީމީ ވީމާ. ޕާކިސްތާނު މީހުން މިސްކިތް ގޮއްވަނީ