ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތަކެއް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުން، ދެ ފަރާތުގެ މެދުގައި ހަމަނުޖެހުން ހިނގާ، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން، ބަންގާޅުގެ ކޮލެޖު ދަރިވަރުން ދަނީ، ޑާކާގެ މަގުތަކުގައި މުޒާހަރާ ކޮށް އަޑު އުފުލަމުންނެވެ. އެކުދިން މުޒާހަރާއަށް މަގުތަކަށް ނިކުމެފައިވަނީ، ޑާކާގައި ދުއްވާ ބޮޑު ދެ ބަހަކުން ޖައްސާ، ދެ ކޮލެޖު ދަރިވަރުން މަރާލުމާ ގުޅިގެންނެވެ. އެކުދިން ބުނަމުންދަނީ، ރައްކާތެރި އަދި ސަލާމަތްތެރި މަގުތަކެއް ކަށަވަރުކޮށްދޭން ޖެހޭކަމަށެވެ. އަދި، އެކުދިންވަނީ، ބަސް ދުއްވާ ޑްރައިވަރުން ބަލައިގެން ބަސް ދުއްވުމަށް ގޮވާލާފައެވެ.

މަންޒަރު ދުށް ފަރާތްތަކާއި ބަންގްލަދޭޝްގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިން ބުނެފައިވާ ގޮތުގައި، ޑާކާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެފައިވަނީ އިއްޔެއެވެ. މިކަންކަން ހޫނުވުމަށް މަގުފަހިވެފައިވަނީ، ފުލުހުންނާއި އެޤައުމުގައި ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ ބަޔަކު، އެކުދިންނާ ކުރިމަތިލާން ފެށުމުންނެވެ.

ޝައިޚް ޙަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގުގެ ވެރިންވެސް ކޮލެޖާއި ސްކޫލު ދަރިވަރުންނާ ދެކޮޅަށް ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، ކޮލެޖު އަދި ސްކޫލު ކުދިންކަމަށް ހެދިގެން، ބޮޑެތި ކުށްވެރިންވެސް މުޒާހަރާގެ ތެރޭގައި އުޅެމުންދާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން ދަނީ މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުން، ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކޮށްފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ގައިގައި ފުލުހުންވަނީ މުގުރު ބުރިންވެސް ތަޅާފައެވެ. އަދި، މުޒާހަރާގެ ބައިވެރިންވެސް ރުޅި އައިސްގެން، ފުލުހުންނާ ދިމާއަށް ގައު އުކާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މުޒާހަރާގެ ތެރެއިން

"އޭއެފްޕީ" ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި، އިއްޔެ މެންދުރުފަހާ ހަމައަށް، މި މުޒާހަރާތަކުގައި 115 މީހަކަށް އަނިޔާވެގެން، ޞިއްޙީ އެހީ ފޯރުކޮށްދޭ ތަންތަނުގައިވަނީ ފަރުވާ ދީފައެވެ. އަނިޔާވި ބައެއް މީހުންގެ ތެރޭގައި، އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިންވެސް ހިމެނޭކަމަށް، އެހެން ނޫހަކުން ބުނެފައިވެއެވެ.

އެތައް ހާސް ދަރިވަރުން ބައިވެރިވަމުންދާ މި މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ނަމުގައި ފުލުހުން ބާރުގެ ބޭނުން ކުރަން ފެށީ، ޞުލްޙަވެރިކަމާއެކު މުޒާހަރާ ކުރަމުންދަނިކޮށްކަމަށް، މުޒާހަރާގެ ބައިވެރިންވަނީ ބުނެފައެވެ.

މަޝްރަހު ގޯސްވެ، ނުރައްކާ ޙާލަތަށް ގޮސްފައިވާކަމަށް ބުނެ، ބަސް ޚިދުމަތްތައްވެސް، އެޤައުމުގައިވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖްވާ

    ކޮބާ ބަންގާޅުގަ ދިވެހި ވަރަށް ބައިވަރު ދަރިވަރުންވެސް އެބަ އުޅެ އެންނު! ކޮބާ ބާ އެކުދިންގެ ހާލަކީ؟

  2. ޢިބޫ

    ޢެކުދިން މުޒާހަރާގައި