ސައުދީ އަރަބިއްޔާގައި އެބޯޝަން ހެދުމަށް އެހީތެރިވަމުން ދިޔަ ބިދޭސީ ދެ އަންހެނުން ހައްޔަރު ކޮށްފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

އެމީހުން ހައްޔަރު ކުރީ ވެރިރަށް ރިޔާދުންނެވެ. ރިޔާދްގެ ހެލްތް ޑިޕާޓްމެންޓުން ބުނާ ގޮތުގައި އެމީހުން އެ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ މީހެއްގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެންނެވެ.

އެ ޑިޕާޓްމެންޓުގެ އޮފިޝަލަކު ސައުދީ މީޑިއާގައި ބުނީ އެމީހުން އެބޯޝަން ހެދުމަށް އެހީތެރިވީ އެކަމަށް ސިއްހީ ގޮތަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފް މާހައުލަކުން ކަމަށެވެ. އެމީހުން ހައްޔަރު ކުރުމަށް ފަހު އެ އެޕާޓްމެންޓު ބަލާ ފާސްކުރި އިރު އެބޯޝަން ހެއްދުމަށް ބޭނުންވާ އާލާތްތައްވެސް ވަނީ ހޯދާފައެވެ.

އެމީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަން ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، އެމީހުން ހައްޔަރު ކުރި މައްސަލައިގައި އިތުރު މައުލޫމާތު ހާމަ ކޮށްފައެއް ނުވެއެވެ. އެ ދެ އަންހެނުންނާއި ބެހޭ އިތުރު މައުލޫމާތެއް ވެސް އެގައުމުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު