ޗައިނާގެ ޒިންޖިއަންގ ރީޖަންގައި ހުރި އެޕާޓްމެންޓްތަކަށް ހާއްސަ އިމާރާތެއްގައި އަލިފާން ރޯވެ 10 މީހަކު މަރުވެ، ނުވަ މީހަކު ޒަހަމްވެއްޖެއެވެ.

މިއީ ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ޗައިނާގައި ހިނގާދިޔަ އަލިފާނުގެ ދެވަނަ ބޮޑު ހާދިސާއެވެ. މީގެ ކުރިން ހިނގި ހާދިސާގައި 48 މީހަކު ވަނީ މަރުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރޭ އަލިފާން ރޯވެފައިވަނީ ސަރަހައްދީ ވެރިރަށް އުރުމްކީގައި ހުރި އިމާރާތެއްގައެވެ. އަދި ހާދިސާ ހިނގި ވަގުތަކީ އެ ސަރަހައްދުގެ ފިނިހޫނުމިން ދަށަށް ގޮސްފައިވާ ވަގުތެއް ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިން ފެށިގެން 17 ވަނަ ފަންގިފިލާއާ ހަމައަށް އަލިފާން ގަނޑު ފެތުރުނެވެ. އަދި 21 ވަނަ ފަންގިފިލާއާ ހަމައަށް ދުމުގެ އަސަރު ކުރިއެވެ.

އެ އިމާރާތުގައި ރޯވި އަލިފާން ގަނޑު ނިއްވާލަން ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާގައި މީހުން މަރުވުމާއި ޒަހަމްވެފައި ވަނީ ވިހަ ދުމުގެ ސަބަބުން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އެންމެން ވެސް ސަލާމަތްވާނެ ކަމަށް ބެލެެއެވެ.

އަލިފާންގަނޑު ފުރަތަމަ ރޯވެފައި ވަނީ 15 ވަނަ ފަންގިފިލާގެ އެޕާޓްމަންޓްތަކުގެ ތެރެއިން އެއް އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ކަރަންޓް މައްސަލައެއް ދިމާވެގެން ކަަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު