އިންޑިއާގެ ބިހާރް ސްޓޭޓްގެ ނެވާޑާގެ ޗިރައިލާ އަވަށުގައި ކޯރެއްގެ ތެރެއަށް އަޑިއަށް ގޮސްފައިވާ މިސްކިތެއް ފެނުން މައްޗަށް އަރައިފިއެވެ.

ޗިރައިލާގެ ކޯރެއްގެ އަޑިއަށް ދިޔަ ނޫރީ މަސްޖިދުގެ ނަމުން ނަން ދީފައިވާ މި މިސްކިތް ގެއްލުފައި ވަނީ މީގެ 34 އަހަރު ކުރިން ޑޭމް (ފާރެއް) އެޅުމުގެ ތެރޭގައި، އެ ހިސާބު ފެންބޮޑުވެގެންނެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހޫނުމިން މަތިވެ، ވާރޭ ނުވެހުމުގެ ސަބަބުން ފެންގަނޑު ދަށަށް ދިިޔަ ފަހުން، ފުރަތަމަ ފަހަރަށް މުޅި މިސްކިތް ވަނީ ފެނުން މައްޗަށް އަރާފައެވެ.

މިއާއެކު ސްޓޭޓްގެ ވެރިރަށް ޕަޓްނާގެ ދެކުނުން ގާތްގަނޑަކަށް ފަސް ގަޑިއިރުގެ ދުރުމިނުގައި އޮންނަ ފުލްވާރިއާ ޑޭމްގައި ހުންނަ އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ވަނީ ގޮސްފައެވެ.

މޫސުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އެ މިސްކިތް އަލުން ފެނުމަކީ އިންޑިއާގެ އެންމެ ފަގީރު އެއް ސްޓޭޓްގެ ގޮތުގައި ފާހަގަކޮށްލެވޭ، އެ ހިސާބުގައި ވަރަށް ބޮޑަށް ހިރަފުހުގެ ހާލަތު ހުރި ކަން އަންގައިދޭ ކަމެކެވެ.

ޗިރައިލާއަކީ މުސްލިމުންނާއި ހިންދޫން އެކުގައި ދިރިއުޅެމުން ދިޔަ ހަމަހިމޭން އަވަށެއް ކަަމަށް ވެއެވެ. އަދި މި އަވަށުގެ ބައެއް ރަށްވެހިންގެ މިލްކިއްޔާތުގައި ބިމެއް އޮތް އިރު އަނެއް ބަޔަކު ދިރިއުޅެމުން އައީ ދަނޑުވެރިކަން ކޮށްގެންނެވެ.

މި މިސްކިތް އެންމެ ފުރަތަމަ ފެނުމާއެކު، އެތައް ބަޔަކު އެތަނަށް ދިޔަ ކަމަށް ވެއެވެ. ޓޫރިސްޓުންވެސް އެ އިމާރާތަށް ވަދެ އާކިޓެކްޗާ އިންސްޕެކްޓް ކުރުމުގެ ކަންކަންވެސް ކުރިއަށް ދިޔައެވެ. އަދި އެތަނަށް ޒިޔާރަތްކުރި ބައެއް މީހުން އެތަން ސާފުކުރަން މަސައްކަތް ކުރި ކަމަށްވެސް ވެއެވެ. އަދި އެކަކު އެތަނުން ބޭރުގައި ނަމާދަށް ގޮވާލި ކަަމށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި މިހާރު އެ މިސްކިތަށް ޒިޔާރަތް ކުރާ މީހުންގެ އަދަދުތައް މަދުވި ނަމަވެސް އަދިވެސް މީހުން އަންނަ ކަމަށް ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އައި ވިއްސާރައިގެ ސަބަބުން ފެންގަނޑު މަދުވެގެން ދެ މީޓަރު (ހަތް ފޫޓު) އުފުލި، އަނެއްކާވެސް އެ މިސްކިތުގެ ބައެއް ވަނީ އަޑިއަށް ގޮސްފައެވެ.

އެހާ ގިނަ ދުވަސްވަންދެން އެ މިސްކިތް އަޑީގައި އޮތުމަށްފަހު ފެނުން މައްޗަށް އެރިއިރު، މިސްކިތުގެ ބައެއއް ތަންތަނަށް ގެއްލުން ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    الله أكبر

    65
    2
  2. އަހުމަދު މުހައްމަދު

    ﷲ އަކްބަރު.ކުޅަދުން ވަންތަކަން ،މި ވަރުން ވެސް އިސްލާމް ނުވޭ

    28
    1