އިންޑިއާގެ ދިއްލީގެ ޗާންދަނީ ޗޯކްގެ ބަގީރަތު ޕެލަސް މާރުކޭޓުގެ ފިހާރަތަކުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނުވެސް ވަރަށް ބޯޑަށް ރޯވެއްޖެއެވެ.

ދިއްލީގެ ފަޔަރ ސަރވިސްގެ ޑިރެކްޓަރ އަތުލް ގަރްގް ވިދާޅުވީ އަލިފާން ނިއްވުމުގެ ގިނަ ވެހިކަލްތައް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާން ނިއްވުމުގެ ކަންތައްކާއި ގުޅޭގޮތުން މިއަދު ފަތިހު އޮފިޝަލް ވިދާޅުވީ ހާލަތު މާ ރަނގަޅެއް ނޫން ކަމަށެވެ. އަދި އިމާރާތުގެ ބޮޑު ބައެއް ހަލާކުވެފައިވާ ކަން ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާލަތު އެހާ ރަނގަޅެއް ނޫން. އަލިފާން ނިއްވުމުގެ 40 ވެހިކަލެއް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދޭ. އަލިފާންގަނޑު ހެނދުނުގެ ނިޔަލަށް ކޮންޓްރޯލް ކުރެވޭނެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ. އިމާރާތުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައި،" ދިއްލީގެ ފަޔާ ސާވިސްގެ ޑިރެކްޓަރު އަތުލް ގަރްގް ވިދާޅުވިއެވެ.

މިއަދު ފަތިހު އެ ތަނަށް ޒިޔާރަތް ކުރެއްވި ކުރީގެ ހެލްތު މިނިސްޓަރު ޑރ ހަރްޝް ވަރްދަން ވިދާޅުވީ އަލިފާން ރޯވި މައި އިމާރާތް މަޑުމަޑުން ވެއްޓެމުންދަނީ ދެ ފަންގިފިލާ މުޅިން ހަލާކުވެފައި އޮތުމުން ކަމަށެވެ.

ފަޔަރ ޑިޕާޓްމަންޓުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތު ރޭ 9:19 ހާއިރު ލިބުމާއެކު ފަޔަރ ރެސްކިއު އިން އެސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮބާ ރާއްޖޭގައި ހުޅުޖަހާފައި ގެރިމޯދީއަށް ސަލާމަތްވެވުނުތަ؟