ރަޝިއާގެ ހުއްޓުމެއް ނެތް ވައިގެ ހަމަލާތަކުގެ ސަބަބުން ޔުކްރޭންގެ ވެރިރަށް ކިއޭވްގެ އެތައް ރައްޔިތުންނެއް ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑި ވަރަށް ދަތިހާލަކަށް ވެއްޓިއްޖެއެވެ.

ރަޝިއާއިން އެންމެ ފަހުން ދިން ހަމަލާތަކުގެ ސަބަބުން ކިއޭވްގެ 70 އިންސައްތަ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށް ޔުކްރޭނުގެ އިދާރާތަކުން މައުލޫމާދެއެެވެ.

ޔުކްރޭނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެފައިވަނީ ހަމަލާތަކުގެ ސަބަބުން ކެނޑިފައިވާ ހިދުމަތްތައް އަލުން ފޯރުކޮށްދެވޭތޯ ބަލަމުންދާ ކަމަށެވެ. އެގޮތުން މަޑުމަޑުން ކަރަންޓާއި، ފެނާއި، ހޫނާއި، މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ އެންމެ ފަހުގެ ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ވެރިރަށް ކިއޭވް، ކިރޮވްރޭޑް، ނީޕްރޯޕެޓްރޯސްކް. ލްވިއުވް، ޕޮލްޓާވާ އަދި ޚަރްކީވްގެ ސަރަހައްދުތަކަށް ކަމަށެވެ.

"ކޮންމެ ގަޑިއިރަކުވެސް އަހަރެމެން އެތައް ބަޔަކަށް އެބަ ކަރަންޓުގެ ހިދުމަތް އަލުން ގުޅައިދެން." ހަކަތައިގެ ދާއިރާގެ މީހުންނާއި، ވިޔަފާރިތަކާއި ހުރިހާ އެންމެންވެސް ގުޅިގެން މީހުންނަށް އަލިކަން ފޯރުކޮށްދެވޭތޯ ދަނީ މަސައްކަތް ކުރަމުންކަމަށާއި، މިއީ ގައުމީ މަސައްކަތެއްކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

އިއްޔެގެ ހަމަލާތަކުގައި ކަރަންޓު ކެނޑިފައިވާ ކިއޭވްގެ ސިޓީ ސެންޓަރުގައި ބަޔަކު ހިނގާފައި ދަނީ - އޭޕީ ފޮޓޯ

އާންމުންނަށް މިހާރު ކޮންމެވެސް ގޮތަކުން ހިމާޔަތް ހޯދާ، ފިނިން ރައްކާތެރިވާނެ ގޮތެއް ހޯދުމަށް ވަނީ މަޖުބޫރުވެފައެވެ. އެގޮތުން ހަމަލާތަކުގައި ސަލާމަތްވެފައިވާ ރެސްޓޯރެންޓުތަކުންނާއި އެހެނިހެން އިމާރާތްތަކުން އާންމުންދަނީ ހިމާޔަތް ހޯދަމުންނެވެ.

ކިއޭވެގެ ރައްޔިތެއް ކަމަށްވާ އޮލެކްސީ ރަޝުޕްކިން ބުނެފައިވަނީ އޭނާގެ ގެއިންވެސް ކަރަންޓު ކެނޑިފައިވާ ކަމަށާއި ނަމަވެސް އޭނާއަށް ކަރަންޓުހުރި ކެފޭއެއް ހޯދިފައިވާ ކަމަށެވެ.

"އަހަރެން މިތާ މިހުރީ މިތާ ފިނިން ރައްކާތެރިވާނެ ހޫނާއި، ކޮފީއާއި، އަލި ހުރީމަ." ދިރިހުންނަން ބޭނުންވާ ކަންތައްތައްވެސް ހުރީ އެތާގައި ކަމަށް އޮލެކްސީ ބުނެފައިވެއެވެ.

ކިއޭވްގައި ބައެއް މީހުން ދަނީ ބޯނެފެން ނެތުމުން، ވާރޭވެހޭ ވަގުތު ބާލިދީތަކަށާއި ފުޅިތަކަށް ވާރޭފެން ފުރަމުންނެވެ. މި މީހުންނަށް އަދި ފިނިމޫސުން ކިރިޔާ ފެށިފައިވާއިރު ފިނިމޫސުމުގައި ކުރިއަށް އޮތް ދުވަސްތަކަކީ ދަތިދުވަސްތަކަކަށް ވާނެއެވެ. ނަމަވެސް އަދިވެސް ކިއޭވްގެ ރައްޔިތުން ތިބީ ވަރުގަދަ ހިތްވަރަކާއި އެކުގައެވެ.

ޔުކްރޭނުގެ ރައްޔިތުން ބުނަނީ ރަޝިއާގެ ރައިސް ލަޑިމިއަރ ޕޫޓިންގެ ހަމަލާތަކުން އެމީހުންގެ ހިތްވަރާއި އަޒުމް ގުޑުވައިނުލެވޭނެ ކަމަށެވެ.

"އެއްވެސް މީހަކު އެމީހެއްގެ އަޒުމާއި އުސޫލުތައް ގުރުބާނެއްނުކުރާނެ ކަރަންޓަށްޓަކާއެއް." 34 އަހަރުގެ އަލީނާ ޑުބޭކޯ ބުނެފައިވެއެވެ. އޭނާގެ ގެއިންވެސް ކަރަންޓާއި، ހޫނާއި ފެނުގެ ހިދުމަތްވަނީ ކެނޑިފައެވެ.

ރަޝިއާއިން ޔުކްރޭނަށް އެރިތާ އިއްޔެއަށް 9 މަސް ފުރިފައިވާއިރު އަލީނާ ބުނީ ރަޝިއާގެ ބާރުގެ ދަށުގައި ދިރިއުޅުމަށްވުރެ ކަރަންޓާއި ނުލާ ދިރިއުޅުންވެސް އޭނާއަށް ރަނގަޅުކަމުގައެވެ.

"އަލިކަމާއި ނުލާ ނޫނީ ޕޫޓިންއާއި ނުލާތަ؟ ހަމަޔަގީނުންވެސް ޕޫޓިންއާއި ނުލާ." އަލީނާ ބުނެފައިވެއެވެ.

ކިއޭވްގައި މީހަކު ފުޅިއަކަށް ވާރޭފެން ފުރަނީ - އޭޕީ ފޮޓޯ

ހަމަލާތަކުގެ ގެއްލުންތަކުން އަރައިގަންނަން ކިއޭވް އިން މަސައްކަތް ކުރަމުންދާއިރު، މި ހަނގުރާމައިގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ދާދި ފަހުން ރަޝިއާގެ ބާރުގެ ދަށުން މިނިވަންވި ޚަރްސޯނަށެވެ.

ރަޝިއާއިން ކިއޭވްއަށް ދިން މިސައިލް ހަމަލާތަކުގައި ފަސް މީހުން ވަނީ މަރުވެފައެވެ. ޒަޕޮރިއްޖާ ސިޓީގެ ކައިރި ސަރަހައްދަކަށް ދިން ހަމަލާތަކުގައި ވިހައިގެން ތިބޭ މީހުންނަށް ހާއްސަ ހޮސްޕިޓަލަކަށް ގެއްލުންވެ 2 ދުވަހުގެ ކުޑަކުއްޖެއް މަރުވެފައިވާކަމަށް ޔުކްރޭނުގެ އޮފިޝަލުން މައުލޫމާތުދީފައިވެއެވެ.

"ރޭގަނޑު ރަޝިއާގެ 'ފުރޭތަތައް' ވަނީ ވިލްނިއަންސްކްގެ ހޮސްޕިޓަލެއްގައި ހުންނަ ކުޑަ އަންހެނުންގެ ވޯޑަކަށް ބޮޑެތި ރޮކެޓް ހަމަލާތަކެއް އަމާޒުކޮށްފައި. މި ހަމަލާގައި ދެ ދުވަސްނުވާ ކުޑަކުއްޖަކު ވަނީ މަރުވެފައި. އަހަރެމެންގެ ހިތްތައް އޮތީ ހިތާމައިން ފުރިފައި. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރާ މީހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން." ގަވަރުނަރު އޮލެކްސެންޑަރ ސްޓަރުކް ބުނެފައިވެއެވެ.

ރަޝިއާގެ ހަމަލާތައް އަމާޒުކުރަނީ ޔުކްރޭނުގެ އަސްކަރިއްޔާއަށް އެހީތެރިވާ ތަންތަނަށާއި ވަސީލަތްތަކަށް ކަމަށް ރަޝިއާއިން ބުނާއިރު އެ ހަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ އެކިސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ. ޔުކްރޭނުގެ އޮފިޝަލުން ބުނާގޮތުގައި މި ހަމަލާތަކުގައި އާންމުންގެ ސަރަހައްދުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެގޮތުން އާންމުންގެ ގެދޮރަށާއި، މަގުތަކާއި، ހޮސްޕިޓަލްތަކާއި ސްކޫލްތަކަށްވެސް ހަމަލާތައް އަމާޒުވެފައިވާ ކަމަށް ޔުކްރޭނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ.

    އަަދިވެސް ޒެލެންސްކީ އިސްތިޢުފާނުދޭތަ. ގައުމެއް ހަނާވަނީ. ގޮތްދޫނުކޮށް ޔަހޫދީ ޖޯކަރު އެހުރީ.