ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި އެބޯލާ ވައިރަސް ޖެހިގެން މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމަށްވާ ކޮންގޯއިން 33 މީހަކު މަރުވެފައިވާކަމަށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާގޮތުގައި ކޮންގޯގައި އެބޯލާއަށް ޝައްކު ކުރެވޭ 43 މީހެއްގެ ރިޕޯޓެއް ކޮށްފައިވާއިރު، އޭގެތެރެއިން 13 މީހަކު އެބޯލާއަށް ޕޮޒިޓިވްކަން ލެބޯޓްރީ ޓެސްޓުތަކުން ޔަޤީން ކުރެވިފައިވާ ކަމަށެވެ.

ކޮންގޯ އާއި އެފްރިކާގެ އެކި ސަރަޙައްދުތަކުގައި އެބޯލާ ފެތުރެމުންދާކަން ހާމަކޮށް ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނެފައިވަނީ، އެޤައުމުގެ ކިވޫ ޕްރޮވިންސާއި އިތޫރީ ޕްރޮވިންސްގެ އިތުރުން ކިވޫގެ ބޯޑަރު ސަރަޙައްދުން ކޮންގޯ އާއި ގުޅޭ، އިރުމަތީ އެފްރިކާގެ ރުވާންޑާ އާއި އުގާންޑާގައި ވެސް އެބޯލާ ފެތުރުމުގެ ނުރައްކާ އޮތްކަމަށެވެ.

މި ހުރިހައި ސަރަޙައްދަކުންވެސް އެބޯލާއަށް ޝައްކު ކުރެވޭ ކޭސްތަކެއް ފެނިފައިވާކަން ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާއިރު، އެ ރިޕޯޓުތައް ޔަޤީން ކުރެވޭނީ ލެބޯޓްރީ ޓެސްޓުތަކަށްފަހުއެވެ. އަދި އެ ޓެސްޓުތަކަށްފަހު ކުރިން ހީކުރިވަރަށްވުރެ އެބޯލާ ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

އެފްރިކާގެ ޤައުމުތަކުގައި މަސައްކަތްކުރަމުންދިޔަ ޑަބްލިއުއެޗްއޯގެ ތިން ހެލްތު ވޯކަރުންނަށްވެސް އެބޯލާ ޖެހިފައިވާއިރު، އޭގެތެރެއިން ދެ މީހަކު މަރުވެފައިވާކަން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ހާމަކޮށްފައެވެ.