ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ޔޫގެންޑާގައި ފެތުރެމުންދާ ރޯގާއާ ދެކޮޅަށް ހިންގާ ޓްރަޔަލްތަކުގައި ބޭނުންކުރުމަށް ނޮވެމްބަރު މަހުގެ ނިޔަލަށް 20،000 އާއި 30،000 އާދެމެދު އަދަދެއްގެ އެކްސްޕެރިމެންޓަލް އެބޯލާ ވެކްސިނެއް އުފެއްދުމަށް ރާވާފައިވާ ކަމަށް އެ އިންސްޓިޓިއުޓްގެ ޑިވެލޮޕަރުންނާއި ކުންފުނީގެ މަސްދަރަކުން ބުނެފި އެވެ.

މިދިޔަ މަހުން ފެށިގެން އެ ގައުމުން މިހާތަނަށް 54 މީހަކު ފައްސިވެ، 19 މީހަކު މަރުވެފައިވާއިރު، ވެރިރަށް ކަމްޕާލާއިން ފުރަތަމަ ފަހަރަށް މީހަކު ފައްސިވެފައިވަނީ މިދިޔަ ހަފުތާގައެވެ. އެކަމަކު ސިއްހީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި އަސްލު އަދަދުތައް އެއަށްވުރެ މަތިވެދާނެ އެވެ.

އެބޯލާގެ އާންމު ސްޓްރެއިންއާ ދެކޮޅަށް އުފެއްދި ވެކްސިންތައް ވަނީ އަވަށްޓެރި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ބޭނުންކޮށް އެގައުމުގައި ދާދި ފަހުން ފެތުރެން ފެށި ބަލިމަޑުކަމުން ވަރަށް ބޮޑު ކާމިޔާބުކަމެއް ހޯދައި ވެކްސިންގެ މޮޅުކަން ސާބިތުކޮށްދީފަ އެވެ.

ޖެނަރ އިންސްޓިޓިއުޓްގެ އެބޯލާއާ ބެހޭ އެންމެ އިސް ސައިންޓިފިކް އެޑްވައިޒަރު ޓެރެސާ ލަމްބޭ ވިދާޅުވީ، މި ވެކްސިން އުފެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް ސީރަމްއިންސްޓިޓިއުޓާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ނޮވެމްބަރު މަހުގެ މެދުތެރެއާއި ހަމައަށް ދާއިރު ގާތްގަނޑަކަށް 20،000 އާއި 30،000 އާ ގާތްކުރާ އަދަދަކަށް ޑޯޒް ލިބޭނެ ކަމަށް،" ރޮއިޓާސް އަށްބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި އަދި އިންޑިއާގެ ބިލިއަނަރު ސައިރަސް ޕޫނަވައްލާ ހިންގާ ކޮންގްލޯމާގެ ބައެއް ކަމަށްވާ ސީރަމް އިންސްޓިޓިއުޓްގެ މަސްދަރަކުން ވަނީ މިމައުލޫމާތު ކަށަވަރުކޮށްދީފައެވެ. އެ މަސްދަރުތަކުން ބުނީ އެބޯލާ ވެކްސިން ޑޯޒްތައް ހިލޭ ފޯރުކޮށްދެވޭނެ ކަމަށެވެ.