އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ މިއަދު ލޯންޗް ކޮށްފި އެވެ.

މީރުމާ ހޮޓެލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރެޖިސްޓްރީ ލޯންޗްކޮށްދެއްވާފައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.

އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ އަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީ އާއި އެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކައުތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހި ކޮށްދޭނެ ނިޒާމެކެވެ.

މިއީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެކްސިނާއި އެހެނިހެން ސިއްހީ ކަންކަމާގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ ޑީއެލްއައިއެސް 2 ޕްލެޓްފޯމްގެ ބައެއްގެ ގޮތުގައި ތައާރަފްކުރެވުނު ޑިޖިޓަލް ރެޖިސްޓްރީއެކެވެ.

އެ ރެޖިސްޓްރީ މެދުވެރިކޮށް ތުއްތުކުދިންގެ ވެކްސިނޭޝަންގެ މައުލޫމާތު ޓްރެކް ކުރެވި، އެކި ސެންޓަރު ތަކުން ކުއްޖާއަށް ދެވޭ ވެކްސިންގެ މައުލޫމާތު، އެއް ރެކޯޑަކުން ފެނިގެންދާނެއެވެ.

އެގޮތުން ކުއްޖާ ވިހާއިރު ދެވޭ ވެކްސިނުން ފެށިގެން ދެވޭ ހުރިހާ ވެކްސިންތަކުގެ މައުލޫމާތު އެއްތަނަކުން ފެންނަން ހުންނާނެެވެ.

އޭގެ ސަބަބުން، ވެކްސިނޭޝަން ސެންޓަރުތަކުން ކުއްޖަކަށް ކުރިން ދީފައިވާ ވެކްސިނޭޝަންތައް ވެރިފައި ކުރުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުން ތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެ އެވެ.

އަދި ގައުމީ އިމުނައިޒޭޝަން ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެ، ރާއްޖޭގެ ވެކްސިން ކަވަރޭޖް ނުވަތަ ވެކްސިން ފުރިހަމަކޮށްފައިވާ ކުދިންގެ ނިސްބަތް ވަގުތުން ވަގުތަށް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، ރާއްޖޭގެ ހުރަހާ ކުދިން ގަވާއިދުން ވެކްސިންތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމަށް ކުރާ މަސައްކަތްތަކަށް އެ ރެޖިސްޓްރީ މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވިގެން ދާނެ ކަމަށެވެ.

މިނިސްޓްރީއިން ބުނީ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ލަނޑުދަނޑިއަކީ، ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ ނުރައްކާތެރި ގައިންގަޔަށް އަރާ ބަލިތަކުން ކުދިން ރައްކާތެރިކުރުމަށް، ފެންވަރު ރަނގަޅު ވެކްސިން، އެ ވެކްސިންޖަހަންޖެހޭ ވަގުތުގައި ފޯރުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ލިންކް ޖަހާލިނަމަ ސަޅިވީސް

  2. ހުސޭނުބޭ

    ކޮންމެވެސް ކުޑަކުއްޖެއްގެ މަރުގެ މައްސަލަ ބޮލުއަޅަންވީމާ މިއުޅޭ ކެރަފާ ނަސީމު އުފައްދާނެ ކޮންމެވެސް މުއައްސަސާއެއް ނޫނީ ޕްލެޓްފޯމެއް. ތިއީ އެ މައްސަލައިން ބޯދަމާގަންނަން ހާވާފައި އޮތް އެއްޗެއް.