ކައުބަތުﷲ ގެފުޅު ކައިރިއަށް ސްނޯ ފައިބަމުންދާ ކަމަށް ބުނެ މީސް މީޑިއާގައި ފޭކް ވީޑިއޯއެއް ދައުރު ކޮށްފިއެވެ. މީގެ ކުރިން ހަރަމްފުޅު ކައިރިއަށް ސްނޯ ފައިބާފައެއް ނުވެއެވެ. އެހެންވެ ހަރަމްފުޅު ކައިރިއަށް ސްނޯ ފައިބާ މަންޒަރު ފެންނަ ވީޑިއޯއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

ނަމަވެސް މައްކާ އާއި މަދީނާގެ ޚަބަރުތައް ގެނެސްދޭ ރަސްމީ ފަރާތްތައް ކަމަށްވާ "ހަރަމައިން ޝަރަފައިން" އިން ހަރަމްފުޅަށް ސްނޯ ނުފައިބާ ކަމާއި، ދައުރު ކުރަމުން ދަނީ ސައްހަ ވީޑިއޯއެއް ނޫންކަން ކަށަވަރު ކޮށްދީ ބަޔާނެއް ނެރެފައެވެ. ސައުދީ އަރަބިއްޔާގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވެސް ވަނީ ހަރަމްފުޅަށް ސްނޯ ނުފައިބާކަން ކަށަވަރު ކޮށްދީފައެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަރަމްފުޅަށް ސްނޯ ފައިބާ ކަމަށް ބުނެ ދައުރު ކުރަމުންދާ 28 ސިކުންތުގެ ވީޑިއޯ އަކީ ފޯން އެޕްލިކޭޝަނެއްގައި ފިލްޓަރެއް ބޭނުން ކޮށްގެން ހަދާފައިވާ ވީޑިއޯ އެކެވެ.

މައްކާ އަށް ސްނޯ ނުފޭބި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އަރަބިއްޔާގެ އުތުރުގެ ސަރަހައްދުތަކަށް ސްނޯ ފައިބާނެ ކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާއި ބެހޭ އިދާރާ އިން ވަނީ ލަފާ ކޮށްފައެވެ.

މީގެ އަހަރެއްހައި ދުވަސް ކުރިން ވެސް ސައުދީ އަރަބިއްޔާގެ އުތުރުގެ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ސްނޯ ފައިބާ، ބައެއް ސަރަހައްދުތަކުގެ ދަތުރުފަތުރަށް ވެސް ބުރޫއެރިއެވެ.