ހައްޖުގެ މާތް އަޅުކަމުގެ ތެރެއިން ކޮންމެ އަހަރަކު ވެސް އިންސާނުންގެ ހެޔޮކަމާއި، އަޙްލާޤު ރަނގަޅުކަމާއި އެކަކު އަނެކަކަށް އެހީވުމުގެ ފުރިހަމަ ސިފަ ފެނިގެން ދެއެވެ. މިފަދަ އެތައް ހާދިސާއެއް ހައްޖުގެ އަޅުކަމުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ހިނގައެވެ.

މިހާރު އިންޓަނެޓްގައި ވައިރަލް ވެފައިވާ ވީޑިއޯއަކުން ފެންނަނީ ކައުބަތުﷲ ގެފުޅު ކައިރީގައި ޠަވާފު ކުރަމުން ދިޔަ ލޮލަށް ނުފެންނަ އަންހެނަކަށް ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާގެ ސިފައިންގެ މީހަކު އެހީތެރިވަމުން ދިޔަ މަންޒަރެވެ. ޔުނީފޯމްގައި ހުރި ސިފައިންގެ މީހާގެ ޔުނީފޯމްގައި ލޮލަށް ނުފެންނަ މީހާ ހިފަހައްޓައިގެން ހުރިއިރު އޭނައަށް މަގުނޯޅި ރަނގަޅަށް ޠަވާފު ކުރެވޭނެ ގޮތް ހަދައި ދިނުމަށް ސިފައިންގެ މީހާ ދިޔައީ ލޮލަށް ނުފެންނަ މީހާގެ ކުރީގައި ހުރެ ހިނގަމުންނެވެ.

އާއްމުވެފައިވާ ވީޑިއޯ އާއިއެކު އެތައް ބަޔަކު އަންނަނީ ސައުދީ އަރަބިއްޔާގެ ސެކިއުރިޓީ ގާޑަށް ޝުކުރު އަދާކޮށް ތައުރީފްގެ ބަސްތައް ރައްދު ކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ފެށި ހައްޖުގެ އަޅުކަމުގައި އިއްޔެ އަކީ އަރަފާތު ދުވަހެވެ. އިއްޔެ ހައްޖުވެރިން އަރަފާތުގައި ތިބުމަށްފަހު ހައްޖުގެ އެންމެފަހުގެ އަޅުކަންތައް ފުރިހަމަ ކުރަން މިހާރު ވަނީ ފަށާފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދެމިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. މިއީ ދުނިޔޭގެ ތާރީޚްގައި ވެސް އެންމެ ގިނަ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރާ ފަހަރެވެ. ހައްޖުވެރިންގެ އަދަދު ގިނަ ވުމުން ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ މިއަހަރު ވެސް ގިނަ ކަންތައްތަކެއް ކޮށްފައެވެ.