މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ހައްޖުގެ އަޅުކަމަށް ހައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ރާއްޖެއިން ފުރާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި ހައްޖުގެ އަޅުކަމަށް ފަހު، ޖުލައި ހަތް ވަނަ ދުވަހުން ފެށިގެން ހައްޖުވެރިން ރާއްޖެ އަންނަން ވަނީ ފަށައިފައެވެ.

މިގޮތުން މިއަދު އެންމެ ފަހު ގްރޫޕަށް ރާއްޖެ ވަނީ އައިސްފައެވެ.

ދިވެހި ހައްޖާޖިންގެ ފަހު ގްރޫޕް ރާއްޖެ އައުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދު ރާއްޖެއައި ހައްޖާޖީންގެ ފަހު ގްރޫޕަށް ނައިބު ރައީސް ފައިސަލް ނަސީމް މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ދިވެހި ހަތަރު ހައްޖާއަކު ވަނީ ނިޔާވެފައެވެ.

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީން ދިނީ 1،000 ކޯޓާ އެވެ. ކޯޓާ އިތުރު ކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.