ރާއްޖެއިން ހައްޖުގެ އަޅުކަމަށް ސައުދި އަރަބިއްޔާއަށް ދިޔަ ގްރޫޕްތައް އަޅުކަން ނިންމާލުމަށް ފަހު ރާއްޖެ އައުމަށް ފުރަން ފަށައިފިއެވެ.

މިފަހަރު ހައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ރާއްޖެއިން ފުރާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި މިރެއިން ފެށިގެން ހައްޖުވެރިން ރާއްޖެ އަންނަން ފަށާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ހައްޖުވެރިން ރާއްޖެ އައުމަށްޓަކައި ފުރަތަމަ ގްރޫޕް އެއަރޕޯޓްގައި އެބަތިބި ކަމަށެވެ.

އެގޮތުން އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށްދިޔަ މި ގްރޫޕް ފުރާނީ މިރޭ 19:10 ގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ދިވެހި ހަތަރު ހައްޖާއަކު ވަނީ ނިޔާވެފައެވެ.

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައޫދީން ދިނީ 1،000 ކޯޓާ އެވެ. ކޯޓާ އިތުރު ކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.