އެލްޗަޕޯ ގުޒްމަންގެ ދަރިފުޅު އޮވިޑިއޯ ގުޒްމަން ހައްޔަރުކޮށްފިއެވެ. އެލްޗަޕޯ އަކީ ފަހަކަށް އައިސް އުފެދުނު މަސްތުވާތަކެތީގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ކަމަށް ވެއެވެ. މެކްސިކޯ އަށް ނިސްބަތްވާ އެލްޗަޕޯ މިހާރު ހުރީ އެމެރިކާގެ ޖަލެއްގައެވެ. އެލްޗަޕޯ ހައްޔަރުކުރި ފަހުން އޭނާގެ ކާޓެލް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އައީ އޮވިޑިއޯ އެވެ.

އޮވިޑިއޯ ހައްޔަރުކުރިކަން މެކްސިކޯގެ ރަސްމީ އިދާރާތަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް އެލްޗަޕޯގެ ކާޓަލްގެ ހަރަކާތްތައް އެންމެ ވަރުގަދައަށް ހިންގާ ސިނަލޯއާ ޕްރޮވިންސްގައި ސިނަލޯއާ ކާޓެލްގެ މެންބަރުންނާއި ފުލުހުންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން އޮޕަރޭޝަން ނިންމާލުމަށްފަހު އެސަރަހައްދު ދޫކޮށްދިޔަ ފަހުން ވެސް ސިނަލޯއާ ކާޓެލްގެ މެންބަރުން ވަނީ އެސަރަހައްދުގެ އާއްމުންގެ އިމާރާތްތަކާއި ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ މަގުމަތީގައި ހުރި ވެހިކަލްތަކުގައި ހުޅުވެސް ޖަހާފައެވެ.

މެކްސިކޯ އަކީ މަސްތުވާތަކެތީގެ މައްސަލަތައް ބޮޑު ގައުމެކެވެ. އެގައުމުގެ ބައެއް ސަރަހައްދުތައް އެއްކޮށް ކޮންޓްރޯލް ކުރަނީ ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކާޓެލްތަކުންނެވެ.

މަސްތުވާތަކެތީގެ ބޮޑުވިޔަފާރިވެރިޔަކު ހައްޔަރު ކޮށްފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ހުރި ޖަލަށް އޭނާގެ ކާޓެލް މެންބަރުން ބަޑިން ހަމަލާދީ އޭނާ ސަލާމަތް ކޮށްގެން ވަނީ ފިލާފައެވެ. އެހަމަލާގައި ޖަލުގެ ގާޑުން ހިމެނޭގޮތައް 19 މީހަކު މަރުވިއެވެ.

މެކްސިކޯގެ މިހާރުގެ ރައީސް ލޮޕޭޒް ވެރިކަމަށް އައީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ވައުދު ވަމުންނެވެ. އޭނާ ވެރިކަމަށް އައިފަހުން ސިފައިން އަންނަނީ މެކްސިކޯގެ އެކި ސަރަހައްދުތަކުގައި ވަރުގަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެއޮޕަރޭޝަންތަކުގައި އެކަށީގެންވާ އަދަދަށްވުރެ ބޮޑަށް ބާރުގެ ބޭނުން ކުރާކަމަށް ބުނެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.