ޔުކްރޭނުގައި ރަޝިއާ ބަލިވެއްޖެނަމަ، ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު، ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިންގެ ގާތް ބޭފުޅެއް ކަމަށްވާ ރަޝިއާގެ ކުރީގެ ރައީސް ޑްމީޓްރީ މެޑްވެޑެވް ނޭޓޯ އަށް ދެއްވައިފިއެވެ.

"ކޮންވެންޝަނަލް ހަނގުރާމައެއްގައި ނިއުކްލިއަރ ބާރެއް ބަލިވުމަކީ، ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެ ފަދަ ކަމެއް." ޕޫޓިންގެ ނުފޫޒު ގަދަ ސަލާމަތީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ކަން ކުރައްވާ މެޑްވެޑެވް ވިދާޅުވެފައިވެއެވެ.

2008 އިން 2012 އަށް ރަޝިއާގެ ރައީސްކަން ކުރެއްވި މެޑްވެޑެވް އިތުރަށް ވިދާޅުވީ އެމީހުންގެ ކުރިމަގު ބަރޯސާވެގެންވާ ހަނގުރާމަތަކުން ނިއުކްލިއަރ ބާރުތައް ދުވަހަކުވެސް ބަލިވެފައި ނުވާ ކަމަށެވެ.

އަދި ޔުކްރޭނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ހުޅަނގުގެ ޑިފެންސް އޮފިޝަލުން މިއަދު ޖަރުމަނުގައި ބައްދަލުވުން ބާއްވާއިރު، އެފަރާތްތަކުގެ ސިޔާސަތުގެ ނުރައްކާތެރި ކަމާއި މެދުގައި ވިސްނާލުމަށްވެސް މެޑްވެޑެވް ވަނީ ގޮވާލައްވާފައެވެ.

މެޑްވެޑެވް ދެއްކެވި ވާހަކަތަކަކީ ރަޝިއާގެ އުސޫލުތަކާއި އެއްގޮތަށް ދައްކަވާފައިވާ ވާހަކަ ތަކެއްކަމުގައި ރަޝިއާއިން ވަނީ ބުނެފައެވެ.

"ކޮންވެންޝަނަލް ހަތިޔާރު ބޭނުންކޮށް ރަޝިއާއަށް ހަމަލާދީ، ރަޝިއާގެ ދައުލަތް ދެމިއޮތުމަށް ނުރައްކާވެއްޖެނަމަ" ރަޝިއާގެ ގަވާއިދު ބުނާގޮތުން ނިއުކްލިއަރ ހަމަލާއެއް ދެވޭނެއެވެ.

ރަޝިއާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔުކްރޭނަށް އެރީއްސުރެ، ހުޅަނގަށް އެންމެ ބޮޑަށް ފާޑުކިއުއްވާ، އަދި ނިއުކްލިއަރ ހަނގުރާމައެއްގެ އިންޒާރު އެންމެ ގިނައިން ދެއްވާ އެއް ބޭފުޅަކީ މެޑްވެޑެވް އެވެ.

މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ނިއުކްލިއަރ ދެ ބާރަކީ ރަޝިއާ އާއި އެމެރިކާ އެވެ. ދުނިޔޭގައި ހުރި ނިއުކްލިއަރ ވޯހެޑްތަކުގެ 90 އިންސައްތަ ހުރީ މި ދެ ގައުމުގައެވެ.

ރަޝިއާގައި 5977 ނިއުކްލިއަރ ވޯހެޑް ހުންނަ އިރު، އެމެރިކާގައި 5428، ޗައިނާގައި 350، ފްރާންސްގައި 290، އަދި އިނގިރޭސި ވިލާތުގައި 225 ނިއުކްލިއަރ ވޯހެޑް ހުންނަ ކަމަށް އެމެރިކާގެ ސައިންޓިސްޓުންގެ ފެޑެރޭޝަނުން ބުނެއެވެ.

ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމުގެ އެންމެ ފަހުގެ ނިންމުން ރައީސްގެ ހައިސިއްޔަތުން ނިންމަވާނީ ޕޫޓިން އެވެ.

ޕޫޓިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން އަމުރުކުރައްވައިފިނަމަ، ކަންތައް ކުރާނެ ގޮތެއް އެމެރިކާއިން ހާމަ ކޮށްފައެއް ނުވެއެވެ. ޕޫޓިން ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ނިންމަވައިފިނަމަ، އެ ވާނީ 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހިރޮޝިމާ އަދި ނަގަސަކީ އަށް ނިއުކްލިއަރ ބޮން އެޅުމުގެ ފަހުން، ހަނގުރާމައެއްގައި ނިއުކުލިއަރ ހަތިޔާރު ބޭނުންކުރެވޭ ފުރަތަމަ ފަހަރަށެވެ.

ކޮންވެންޝަނަލް ހަތިޔާރުގެ ގޮތުން ރަޝިއާ އަށް ވުރެ ނޭޓޯގެ ގާބިލުކަން އިތުރު ނަމަވެސް، ނިއުކުލިއަރ ހަތިޔާރަށް ބަލާއިރު ޔޫރަޕަށްވުރެ ރަޝިއާގެ ގާބިލުކަން މާ ބޮޑެވެ.

ޔުކްރޭނުގައި ކުރެވޭ ހަނގުރާމައަކީ "ބޮޑާ އަދި ކިބުރުވެރި" ހުޅަނގާއި ރަޝިއާ އާއި ދެމެދު ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި ޕޫޓިން ވަނީ ތަކުރާރު ކޮށް ސިފަކުރައްވާފައެވެ.

ރަޝިއާ-ޔުކްރޭނު ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕުގައި ހިންގާ އެންމެ ބޮޑު ހަމަނުޖެހުމެވެ. އަދި 1962 ވަނަ އަހަރުގެ ކިއުބާ މިސައިލު ކާރިސާއަށް ފަހު ހުޅަނގާއި ރަޝިއާގެ އެންމެ ބޮޑު ކުރިމަތިލުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޤައުމު

    މަމީ ޕޫޓިންނަމަ. މިހާރު ތީގެގޮލަޔެއް ގޮއްވާލީމުސް.
    އެހެންނަމަ މިހާރު ތިކަން އޮންނާނީ ނިމިފަ
    އެމެރިކާގެ ބޭނުމަކީ ހަނގުރާމަ ދިގުދަންމާ ނިއުކުލިއަރ ޗަރުކޭސްކުޅެން
    ލެޓސް ސީީ

    11
  2. ރަމްޒު

    ނިއުކްލިއަރ ހަތިޔާރު ބޭނުން ހިފައިފިއްޔާމު ރަޝިއާ ނެތިގެންދާއިރު ހުދު އެމަރިކާ އަދި ނޭޓޯ ވެސް މަރުވާނެ. ކޮންމެވެސް ރިވާޔަތެއްގައި އޮވޭ އެއްވެސް ޓެކްނޮލޮޖީއެއްނެތް ކުރީޒަމާނައް މިޒަމާންވާނޭ ވެދާނެ އެއީ ނިއުކްލިއަރ ހަނގުރާމަ އަށް ފަހު ހުރިހާ ޓެކްނޮލޮޖީ ނެތިގެން ދިޔުންހެން
    ހީވޭ.

    11
  3. މުރާސިލުން

    ގިނަ މުއައްހިލުން ދެކޭގޮތުގައި ދުނިޔެ ކަނުއަނދިރި ގަނޑަކަށްވަނުންފަދަ މުސީބާތެއް ހިނގައިދާނެ ސްޓްރައިޓް އޮފް ހޮރުމޫޒް ކަނޑު ބަންދުކޮށްފަކޮއްލާ ހަނގުރާމައަކުން ނިއުކްލިއަރ ހަނގުރާމައެއްނުކޮށްއަސްކަރީ ހަނގުރާމައަކުން އެފަދަ ބިރުވެރިކަމެއްފެނިގެންދާނީ އީރާނާ އެމަރިކާގެ ކުރިމަތިލުމަކުންކަމަށް ޢިލްމުވެރިން ތިންކުތޭންކް ތަޖުރިބާކާރުންބުނޭ އެއީ 3ވަނަ ވޯލްޑްވަރ ސިކުނޑީގެ ތެއްތްކަމެއްހުރިމީހަކަށް
    އެނގޭނެ މީތެދެއްކަން

    13
    1