ޓްވިޓާގެ ސަބްސްކްރިޕްޝަން ހިދުމަތް ހޯދާ ފަރާތްތަކަށް އިޝްތިހާރުތައް ފެންނަ ވަރު މަދުކޮށް، އެއްވެސް އިޝްތިހާރެއް ނުފެންނަ 'އެޑްފްރީ' ދަރަޖައެއްވެސް ތައާރަފުކުރާނެ ކަމަށް އިއުލާނުކޮށް، ޓްވިޓާގެ ވެރިޔާ އީލޮން މަސްކު އިއްޔެ ޓްވީޓްތަކެއް ކޮށްފިއެވެ.

މަސްކު އަނެއްކާވެސް މިފަދަ އިއުލާނެއް ކޮށްފައި ވާއިރު، މިދޔަ އަހަރުގެ އޮކްޓޯބަރު މަހު، މަސްކު ޓްވިޓާ އާއި ހަވާލުވީ ފަހުން، ކުންފުންޏަށް މާލީގޮތުން ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

"ޓްވިޓާގައި އިޝްތިހާރުތައް މާ އަވަސްއަވަހަށް ފެނޭ، އަދި އިޝްތިހާރުތައް މާ ބޮޑެތި، މި ކަންތައްތައް ހައްލުކުރުމަށް ކުރިއަށް އޮތް ހަފްތާތަކުގައި ފިޔަވަޅުތަކެއް އެޅޭނެ." މަސްކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެެވެ.

އަދި އެ ގޮތް އިހުތިޔާރުކުރަން ބޭނުންވާ ފަރާތްތަކަށް، އެއްވެސް އިޝްތިހާރެއް ނުފެންނަ ގޮތް ހެދޭނެ އަގުބޮޑު ސަބްސްކްރިޕްޝަންގެ ހިދުމަތެއްވެސް އޮންނާނެ ކަމަށް މަސްކު ވަނީ ބުނެފައެވެ.

މިކަން ވެގެންދާނީ ޓްވިޓާގެ ވިޔަފާރި މޮޑެލް އަށް ގެނެވޭ ވަރަށް ބޮޑު ބަދަލަކަށެވެ. ޑިސެމްބަރު މަހުގެ ތެރޭގައި ޓްވިޓާއިން އަގު ނަގާ ސަޕްސްކްރިޕްޝަންގެ ހިދުމަތް ތައާރަފްކުރުމުގެ ކުރިން، ޓްވިޓާއިން އާމްދަނީ ހޯދުމަށް ބަރޯސާވެފައި އޮތީ އިޝްތިހާރުތަކުގެ މައްޗަށެވެ.

ނަމަވެސް ޓްވިޓާގެ 7500 މުވައްޒަފުންގެ ތެރެއިން ދެބައިކުޅަ އެއްބައެއްހާ މުވައްޒަފުން މިދިޔަ އަހަރު ވަޒީފާއިން ވަކިރުމަށްފަހު، މިފަހުން އެ ކުންފުނީގައި އިޝްތިހާރު ކުރުންވެސް އޮތީ މަޑުޖެހިލާފައެވެ. އެހާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާއި އެކު، އެކަށީގެންވާ ގޮތެއްގައި ކޮންޓެންޓު މޮޑަރޭޝަންގެ މަސައްކަތްތައް ކުރެވޭނެ ވަރަށް މުވައްޒަފުން ކުންފުނީގައި ނެތްކަމުގެ ބިރު އިޝްތިހާރު ކުރާ ކުންފުނިތަކަށްވެސް ވަނީ ހީވެފައެވެ.

މަސްކު ބުނެފައިވަނީ އޭނާގެ ސްޓްރެޓެޖީއަކީ، އާމްދަނީ އިތުރުކުރަމުން ދިއުމާއެކު، ބޮޑުތަނުން ހަރަދު ކުޑަކުރުން ކަމަށެވެ. އެގޮތުން ޓްވިޓާ އެކައުންޓު ވެރިފައި ކޮށް، އިތުރު ފީޗާސްތައް ލިބޭ "ނޫފާހަގަ" އަށްވެސް މިހާރު ވަނީ އަގު ނަގަން ފަށާފައެވެ.

މަސްކު ޓްވިޓާ އާއި ހަވާލުވީއްސުރެ، ޓްވިޓާއަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން، މަސްކު ދަނީ ތަކުރާރުކޮށް ހަބަރުތަކުގެ ސުރުހީތަކުން ޖާގަ ހޯދަމުންނެވެ. މީގެ ތެރޭގައި އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި، ބަންދު ކޮށްފައިވާ އެކައުންޓްތައް ހުޅުވުމާއި، މަސްކަށް ފާޑުކީ ބައެއް ނޫސްވެރިންގެ އެކައުންޓުތައް ބަންދުކުރުން ހިމެނެއެވެ. އަދި ޓްވިޓާގެ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ މެއިލްތައް ފޮނުވުމާއި، "ނޫ ފާހަގަ" އާއި ގުޅިގެންވެސް އެތައް ވާހަކައެއް ވަނީ ދެކެވިފައެވެ.

މިފަހުން ދެކެވުނު އަނެއް ވާހަކައަކީ ޓްވިޓާގެ އޮފީސް ހިންގާ އިމާރާތުގެ ކުލި ދައްކާފައި ނުވާ ވާހަކައާއި، ޓްވިޓާގެ މައި އޮފީހުގެ ބައެއް ފަރުނީޗަރާއި، ހިފައި ގެންގުޅޭ ސާމާނު ނީލަން ކީ ވާހަކައެވެ.