ހިމާޔަތްކޮށްފައިވާ ތަންތަން ރަނގަޅަށް މެނޭޖުކުރުމަށް މަގު ޗާޓު އެކުލަވާލުމުގެ ވޯކްޝޮޕެއް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެވެ.

މީރުމާ ހޮޓެލްސްގައި މިއަދު ހެނދުނު ފެށި އެ ވޯކްޝަޮޕް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

އެ ވޯކް ޝޮޕްގެ މަގްސަދަކީ ރާއްޖޭގެ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިތުރުން ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖުތިމާއީ ފައިދާ ލިބޭ ގޮތް ހެދުން ހިމެނޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ހިމާޔަތްކޮށްފައިވާ ސަރަހައްދެކޭ ބުނުމުން ގިނަ ބަޔަކަށް ހީވަނީ އެއްގޮތަކަށް ވެސް ނުދެކޭ ތަންތަން ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުތަކަކީ ތަންތަން ބަލަން ބޭނުންވާ ފަރާތްތަކަށް ވެސް އޮތް ތަންތަން ކަމަށާއި އަދި ޓޫރިޒަމްވެސް ތަރައްގީ ކުރަން ހުރި ތަންތަން ކަމަށް ބުނެފައިވެއެވެ.

މިއަދު ފެށި ވޯކް ޝޮޕްގައި ކަމާ ގުޅުން ހުރި ދާއިރާތަކުން 40 އަށް ވުރެ ބޭފުޅުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބ. އަތޮޅު ބަޔޯސްފިއާއާއި އައްޑޫ އަދި ފުވައްމުލަކު ނޭޗާ ޕާކު ގެ ބޭފުޅުން ހިމެނެއެވެ. އަދި ބައެއް ރިސޯޓުތަކާއި ފިޝަރީޒް އަދި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެ ވޯކް ޝޮޕްގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ސަރަހައްދުތައް ހިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން މޫސުމަށް ބަދަލު އައިސް ފަރުތައް ހުދުވުމާއި ގޮނޑުދޮށް ގިރާ މިންވަރަށް ވެސް އަސަރުކުރާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ވެސް ގުޅިފައި ވަނީ ގުދުރަތީ ރީތިކަމާއި މާހައުލީ ނިޒާމްގެ މައްޗަށް ކަމަށާއި އެހެންކަމުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމަކީ އެތަންތަން ދެމި އޮވެޥޭނެ ގޮތަށް މަސައްކަތް ކުރުން ކަމަށެވެ.

"މީގެ ފައިދާ އެންމެ ބޮޑަށް ކުރާނީ މި ދެންނެވި މޫސުމީ ބަދަލުތަކަށް އަޅުގަނޑުމެން އެޑަޕްޓް ވުމަށާއި އަދި އަޅުގަނޑުމެންގެ މަސްވެރިކަމާއި ފަތުރުވެރިކަން ހިމާޔަތްކުރުމަށް ވެސް އެންމެ މުހިންމީ މާހައުލީ ނިޒާމް ރައްކާ ކޮށްގެން" ޝައުނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުގުރި

    ދިވެހި ރައްޔިތުން ތިބީ ކޮންފަދަ ހާލަތެއްގައި ތޯ ބަލާލާނެ ބަޔަކު ނެއް... އެކަމަކު ބޭކާރު ކަންކަމުގައި އަވަދިނެތި މިގިބަ ތެޅި ފޮޅެނީ..

  2. Anonymous

    ތިކަހަލަ ކަނޑުކޮސް ކަންތަށް ކުރަން މިސަރުކާރަށް އެގޭނީ. ތިކަމުން ރައްޔިތުންނަށް ހުންނާނީގެއްލުން.