ޕާކިސްތާނުގެ އިރުމަތީ ޕަންޖާބު ޕްރޮވިންސްގެ ޕޮލިސް ސްޓޭޝަނަކަށް އެތައް ސަތޭކަ މީހުން ވަދެގަނެ، ލާދީނީ އަމަލެއްކުރި ކަމުގެ ތުހުމަތުގެ ބަންދު ކޮށްފައިވާ މީހަކު ޖަލުން ނެރެގެން ބޭރަށް ގެންގޮސް، މަރާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ސީނިއަރ އޮފިސަރު، ބާބަރް ސަރްފަރާޒް އަލްޕާ ވިދާޅުވީ ވާރިސް ކިޔާ މީހަކު، ގުރުއާނު ހަތިމެއްގެ ޞަފްހާ ތަކަކަށް އިހާނެތިކޮށް ހިތައިގެން ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެނެސްފައި ހުރި ކަމަށެވެ. ސަރްފަރާޒް ވިދާޅުވީ ވާރިސް ވަނީ ގުރުއާން ހަތިމުގެ ވަރަށް ގިނަ ޞަފްހާ ތަކެއްގައި އޭނާ އާއި، އޭނާގެ އަންހެނުންނާއި، ވަޅިއެއްގެ ފޮތޯތަކެއް ހިއްޕާފައި ކަމަށެވެ. އަދި ނަންކާނާ ޑިސްޓްރިކްޓްގައި އޭނާ ވަނީ އެ ޞަފްހާ ތައް މީހުންނަށް ދައްކަން ނެރެ، އުކާފައި ކަމަށްވެސް ސަރްފަރާޒް ވިދާޅުވިއެވެ.

ސަރްފަރާޒް ވިދާޅުވީ ރުޅި އައިސްފައި ތިބި އެތައް ސަތޭކަ މީހުންނެއް އައިސް ފޮލިސް ސްޓޭޝަނަށް ވަދެގަނެފައިވާ ކަމަށެވެ. އެމީހުން އެތަނަށް ވަދެފައިވަނީ އޭގެ ތެރެއިން ބައެއް މީހުން ހަރުގަނޑެއް ބޭނުން ކޮށްގެން ފާރު މަތިން އަރާ، ދެން ތިބި މީހުންނަށް މައިގޭޓް ހުޅުވައި ދީގެންނެވެ.

ސަރްފަރާޒް ވިދާޅުވީ އެ ޖަމާއަތުން ވަނީ މުޅި ޕޮލިސް ސްޓޭޝަން އެފުށް މިފުށަށް ޖަހާލުމަށްފަހު، ވާރިސް އޭނާގެ ގޮޅިން ނެރެގެން ގެންގޮސްފައި ކަމަށެވެ.

" ފުލުހުންނަށް އެ ސަރަހައްދަށް ދެވުނު އިރު، އެމީހުން ވަނީ އެމީހާ މަރާލާފައި، އަދި އޭރު އެމީހުން ދިޔައީ އޭނާގެ ހަށިގަނޑު އަންދާލުމަށް މަސައްކަތް ކުރަމުން. ނަމަވެސް އެ ސަރަހައްދުގައި ތިބި ވިސްނޭ މީހުންގެ އެހީ އާއި އެކު ފުލުހުން ވަނީ އެމީހުން ހުއްޓުވާފައި." ސަރްފަރާޒް ވިދާޅުވިއެވެ.

ލާދީނީ އަމަލުތަކުގެ ދައުވާތަކަކީ ޕާކިސްތާނުގެ ގާނޫނު ގެ ދަށުން މަރުގެ އަދަބު ލިބޭ ދައުވާތަކެވެ.

ހައްގު ތަކަށް ވަކާލާތު ކުރާ ބައިނަލް އަގުވާމީ އަދި ޕާކިސްތާނުގެ ޖަމިއްޔާ ތަކުންވެސް މިފަދަ ގާނޫނުތައް ބަދަލުކުރުމަށް ޕާކިސްތާނުގެ ސަރުކާރަށް ޕްރެޝަރު ކުރަމުން ދިޔަ ނަމަވެސް، ގައުމުގެ އެހެން ސިޔާސީ ބާރުތަކުން އެކަމާއި ދެކޮޅު ހަދައެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވަނީ މި ހާދިސާ ކުށްވެރި ކުރައްވާފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް އެކަށީގެންވާ ހިމާޔަތް ނުދެވުމުން، އެކަމާއި ގުޅުން ހުރި އޮފިސަރުންނަށް ފިޔަވަޅު އެޅުމަށްވެސް ޕަންޖާބު ފުލުހުންގެ ވެރިޔާއަށް ޝެހެބާޒް ވަނީ އަންގަވާފައެވެ.

ސަރްފަރާޒް ވިދާޅުވީ މީގެ ކުރިން 2019 ގައިވެސް މިފަދަ ދައުވާއެއްގައި ވާރިސް ހައްޔަރު ކޮށްފައިވާ ކަމަށާއި، 2022 ވަނަ އަހަރުގެ މެދަކާއި ހަމައަށް އޭނާ ހުރީ ޖަލުގައި ކަމަށެވެ.

ސަރްފަރާޒް ވިދާޅުވީ އަނެއްކާވެސް ވާރިސް އިއްޔެ ހެނދުނުގެ ވަގުތެއްގައި ގުރުއާނަށް އިހާނެތިކޮށް ހިތާތަން ފެނުމުން، ބަޔަކު ވަނީ އޭނާ ހިފަހައްޓާ، އޭނާ އަށް އަނިޔާ ކޮށްފައި ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން ކައިރިން ވާރިސް ސަލާމަތް ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސަރްފަރާޒް ވިދާޅުވީ ވާރިސް މަރާލި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިހަނެތިކޮށް ހިތިފަ ހުންނާނީ.
    ކަންކުރި ގޮތް ރަނގަޅެކޭ ނޫން މި ބުނަނީ.
    އެކަމު މޮޔަކަމުން ދޯ އޭނަ އީމާންނުވިޔަސް އެންމެންގެ ދީނީ އަގީދާއަށް ފުރައްސާރަ ކުރާނީ އެހާ ޖޯޝު ހުންނަ ބަޔެއް ތެރޭގަ

    24
    3
  2. Anonymous

    ރާއްޖޭގަވެސް ދެން ހަދަންވީ މިހެން

    9
    3