ތުރުކީވިލާތާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން ހައަހަރުގެ އަންހެން ކުއްޖަކު ސަލާމަތް ކޮށްފިއެވެ. މިރޭ ނަމަކަށް ކިޔާ އަންހެން ކުއްޖާ ސަލާމަތް ކުރެވިފައި މިވަނީ ބިންހެލުން އައިތާ 178 ގަޑިއިރު ފަހުންނެވެ.

މިކުއްޖާ ސަލާމަތް ކުރެވިފައި މިވަނީ ދެން ދިތިއްބާ މީހަކު ފެނުމުގެ އުއްމީދު ވަރަށް ކުޑަ ކަމަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ މީހުން ބުނެފައި ވަނިކޮށެވެ.

ތުރުކީވިލާތުގައި ހުންނަ ސީއެންއެންގެ ގޮފިން ބުނީ ހައަހަރުގެ އަންހެން ކުއްޖާ ސަލާމަތް ކުރީ ތުރުކީވިލާތުގެ އަދިޔަމަން ނަމަކަށް ކިޔާ ސިޓީން ކަމަށެވެ.

ސަލާމަތް ކުރި އަންހެން ކުއްޖާގެ ދައްތަ ވެސް އެކުއްޖާ ފެނުނު ސަރަހައްދާއި ވަރަށް ކައިރިން ވަނީ ފެނިފައެވެ. ނަމަވެސް އެކުއްޖާ އަދި ސަލާމަތެއް ނުކުރެވެއެވެ. އެކުއްޖާ ސަލާމަތް ކުރުމަށް މިހާރު މީހުން ސަލާމަތް ކުރާ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތުރުކީވިލާތައް ސީރިއާގައި މިދިޔަ ހަފުތާގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 36،000 އަށް ވުރެ މައްޗަށް މިހާރު އަރާފައިވާ ކަމަށް އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ބިންހެލުމުގައި ތުރުކީވިލާތުން މިއަދުގެ ނިޔަލަށް 31،643 މީހުން މަރުވެފައިވާއިރު، ސީރިއާގައި 4،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ބިންހެލުމުގެ ސަބަބުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ނެގުމުގެ މަސައްކަތް ކުރަމުން ދާއިރު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ހުރި އަދަދަށްވުރެ ދެގުނަ އިތުރުވެގެން ހިނގައިދާނެ ކަމަށް އދ.އިން ބުނެއެވެ.