އެމެރިކާގެ މިޝިގަން ސްޓޭޓް ޔުނިވާސިޓީ ގައި ބަޑިން ހަމަލާދީ ތިން މީހުން މަރާލައިފިއެވެ.

ހަމަލާދިން މީހާ ވަނީ ޔުނިވާސިޓީގެ ދެ އިމާރާތާކަށް ބަޑިން ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި އިތުރު ފަސް މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހަމަލާދިން މީހާ ފަހުން އަމިއްލަ އަށް މަރުވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ ހަމަލާ ދިނުމަށްފަހު، އެ ސަރަހައްދުން ހަމަލާދިން މީހާ ފިލާފައިވާ ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު، ދަރިވަރުންނާއި، އެ ސަރަހައްދު ގައި ދިރި އުޅޭ މީހުން ބޭރަށް ނުނުކުމެ، ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އެދިފައެވެ.

ފަހުން ފުލުހުން ބުނެފައިވަނީ މިހާރު ކެމްޕަސް އަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ދަރިވަރުންނަށް އެކުދިންގެ ކަންތައްތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހަމަލާދިން މީހާ މަރުވެފައިވަނީ އަމިއްލަ ގަޔަށް ބަޑި ޖަހައިގެން ކަމަށެވެ. އަދި އެމީހާ ފެނިފައި ވަނީ ޔުނިވާސިޓީ ކެމްޕަސް ގެ ބޭރުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާތައް ދޭން ފަށާފައިވަނީ މިޝިގަން ގަޑިން ހޯމަދުވަހުގެ ރޭ 8 (ރާއްޖެ ގަޑިން މިއަދު ހެނދުނު 6) ޖެހި އިރުއެވެ.

ހާދިސާގައި ޒަހަމްވީ ފަސް މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ހާދިސާ ތަހުގީގު ކުރަމުން ދާއިރު، މި ހަމަލާތައް ދީފައިވަނީ ކީއްވެކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިގޮތަށް ތަންތަނަށް ބަޑިޖަހާ، އެއްފަހަރާ އެތައް ބަޔަކު މަރާލައި ނުވަތަ ޒަހަމް ކޮށްލާ ހާދިސާތައް އެމެރިކާގައި ވަނީ ވަރަށް އާންމު ވެފައެވެ. އެގޮތުން މިދިޔަ އަހަރު އެމެރިކާގައި މިފަދަ 648 ހަމަލާ ރިޕޯޓް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން މިގޮތަށް ބަޔަކު މަރާލައިގެން ދުނިޔޭގެ ސަމާލު ކަމަށް އައީ، ކެލިފޯނިއާގައި ޗައިނާގެ އާ އަހަރު ފާހަގަ ކުރަމުންދިޔަ ބައެއްގެ ތެރެއަށް ބަޑި ޖަހައި، 10 މީހުން މަރާލި ހާދިސާއެވެ.

ސުކޫލުތަކާއި، އަޅުކަން ކުރާ ތަންތަނާއި، މަސައްކަތް ކުރާ ތަންތަނަކީ މި ފަދަ ހަމަލާތައް އާންމުކޮސް އަމާޒު ކުރެވޭ ތަންތަނެވެ.

2022 ވަނަ އަހަރު، މީހަކު ވަނީ ޓެކްސަސް ގެ ކުޑަކުދިން ކިޔަވާ ސުކޫލަކަށް ބަޑިން ހަމަލާދީ 19 ކުޑަކުދިންނާއި، ދެ ޓީޗަރުން މަރާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު