ތުރުކީވިލާތާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ސުންނާފަތިވި އިމާރާތެއްގެ ދަށުގައި އުފަންވި އަންހެން ކުއްޖާ ރަހީނު ކުރުމަށް އެކުއްޖާ އޮތް ހޮސްޕިޓަލަށް ވަދެ މީހަކު ބަޑިން ހަމަލާ ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަޔާ ނަމަކަށް ކިޔާ އަންހެން ކުއްޖާ އަށް ފަރުވާ ދެމުން ގެންދާ ސީރިއާގެ ހޮސްޕިޓަލަށް ބަޑި ހިފައިގެން ހުރި މީހަކު ވަދެ ހަމަލާ ދޭން މަސައްކަތް ކުރުމުން ހޮސްޕިޓަލްގެ ޑިރެކްޓަރ އޭނާ އަށް ހަމަލާދީ ހުއްޓުވި ކަމަށެވެ. އެހެންވެ ކުއްޖާ ރަހީނު ކުރެވިފައެއް ނުވެއެވެ.

ހޮސްޕިޓަލްގެ ޑިރެކްޓަރ ތުހުމަތު ކުރާ ގޮތުގައި ކުއްޖާ ރަހީނު ކުރަން މަސައްކަތް ކުރީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހެއްގެ ވެސް ބައިވެރިވުން އޮވެގެންނެވެ. ނަރުސް ޑިއުޓީ ނިންމާފައި ހޮސްޕިޓަލުން ބޭރަށް ގޮސްފައި އެނބުރި އައީ ބަޑި ހިފައިގެން ހުރި އޭނާގެ ރަހުމަތްތެރިޔަކު ގޮވައިގެން ކުއްޖާ ރަހީނު ކުރަން ކަމަށް ޑިރެކްޓަރ މީޑިއާ އަށް މައުލޫމާތު ދީފައި ވެއެވެ.

ބިންހެލުމުގައި އަޔާގެ މަންމަ އާއި ބައްޕަގެ އިތުރުން އެއްބަނޑު އެއްބަފާ ހަތަރު ބެއިން ވެސް ވަނީ މަރުވެފައެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ގިނަ ބަޔަކު ވަނީ އަޔާ އަށް އެހީތެރިވުމަށް އެދި ހުށަހަޅާފައެވެ. އެހެންވެ އެކުއްޖާގެ ހާލަތު ހޮސްޕިޓަލުން ވެސް އަންނަނީ ގާތުން ބަލަމުންނެވެ.

އަދި ވަރަށް ގިނަ ސީރިއާ މީހުން ވަނީ އެމީހުންނަކީ އަޔާގެ އާއިލާ މެންބަރުން ކަމަށް ބުނެ ހޮސްޕިޓަލަށް ގޮސް ކުއްޖާ ހޯދަން ދޮގު މައުލޫމާތު ދީފައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އިމާރަތުގެ ދަށުން އަޔާ ފެނުނުއިރު އުފަންވިތާ އިރުތަކެއް ވެފައިވާ ކަމަށް ޑޮކްޓަރުން ލަފާ ކުރެއެވެ. އޭރު މަންމަ އޮތީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު