ތުރުކީ-ސީރިޔާއަށް މިދިޔަ ހަފްތާ ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 40،000 އަށް އަރައިފިއެވެ.

އެ ދެ ގައުމަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން 200 ގަޑިއިރަށްވުރެ ގިނަ އިރު ވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި މީހުން ދިރިތިބޭނެ ކަމުގެ އުއްމީދު ތައް ވަނީ މިހާރު ކުޑަވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަމާލުކަން ވަނީ ބަދަލުވެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަންގާރަ ދުވަހު އެ ސަރަހައްދުން މަރުވި މީހުންގެ އަދަދު ވަނީ 40،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އަދި ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުން، އިއްޔެ އެ ސަރަހައްދުގައި ނުވަ މީހަކު ސަލާމަތްކޮށްފައި ވެއެވެ.

ތުރުކީ އާއި އަވަށްޓެރި ސޫރިޔާގައި މަރުވި މީހުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާ މި ކާރިސާގެ ސަބަބުން ދެ ގައުމުގެ ސިޓީތައް ހަލާކުވެ، ސަލާމަތްވި އެތައް ބަޔަކު ވަނީ ގެދޮރު ގެއްލިފަ އެވެ.

އެގޮތުން ތުރުކީން މަރުވި މީހުންގެ އަދަދު 35،418 އަށް އަރާފައިވާއިރު، ސީރިއާއިން 5،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.