ތުރުކީ އާއި ސީރިޔާއަށް މިދިޔަ ހަފްތާ އައި ބިންހެލުމަށްފަހު، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް އިމާރާތްތަކުގެ ދަށުން އަދިވެސް މީހުންގެ އަޑުތައް އިވެމުންދާ ކަމަށް ޓީމްތަކުން ބުނެފިއެވެ.

ތުރުކީގެ ދެކުނުގެ ރެސްކިއު ޓީމުތަކުން ބުނީ 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އަޑުތައް އިވެމުންދާ ކަމަށެވެ.

އެހެންްކަމުން އަދިވެސް ދިރިހުރި މީހުން ފެނިދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ބުނެފައި ވެއެވެ.

ސީއެންއެން ތުރުކުން ބްރޯޑްކާސްޓްކުރި ލައިވް ފޮޓޯތަކުން ފެންނަ ގޮތުގައި ކަހްރާމަންމަރަސް ސަރަހައްދުގެ ދެ ސަރަހައްދެއްގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި އިމާރާތްތަކުގެ ދަށުގައި ކަމަށް ބެލެވޭ ތިން އަންހެން ކުއްޖެއް ސަލާމަތް ކުރަން މަސައްކަތް ކުރަމުން ގޮސްފައި ވެއެވެ.

އަދި ހަމަ އެ ސަރަހައްދުގައި އިމަޖެންސީ ގައި މަސައްކަތް ކުރާ މީހުން ވަނީ ގާތްގަނޑަކަށް 205 ގަޑިއިރު ވަންދެން އިމާރާތްތަކުގެ ދަށުގައިވާ ކަމަށް ބެލެވޭ އުމުރުން 35 އަހަރުގެ އަންހެނަކު ސަލާމަތްކޮށްފައެވެ.

ބިންހެލުމާއި، އޭގެ ބާރުގަދަ ލޮޅުންތަކަށް އަށް ދުވަސް ވެފައިވާއިރު، ތުރުކީ އާއި ސީރިއާގެ އެކި ހިސާބުތަކުގައި 41،200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، ދިރިހުރި މީހުންނާއި ގުޅޭ ވާހަކަތައް ދަނީ މަދު ވަމުންނެެވެ.

ޔުނިސެފުން ބުނީ ސައްހަ އަދަދުތައް ނެތި ނަމަވެސް ބިންހެލުމުގައި މަރުވާ ކުޑަކުދިންގެ އަދަދު "އިތުރުވަމުން ދާނެ" ކަމުގެ ބިރު ބޮޑު ކަމަށެވެ.

އދ.ގެ ކުޑަކުދިންގެ އިދާރާގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ މި ކާރިސާގެ އަސަރު ކޮށްފައިވާ ތުރުކީގެ 10 ޕްރޮވިންސްގައި 4.6 މިލިއަން ކުދިން ދިރިއުޅެމުންދާއިރު، ސީރިއާގައި 2.5 މިލިއަން ކުދިންނަށް އަސަރުކޮށްފައިވާ ކަމަށެވެ.

ރެސްކިއު އޮޕަރޭޝަންތައް މިހާރު ވަނީ ރިކަވަރީ މަސައްކަތްތަކަށް ބަދަލުވާން ފަށައިފައެވެ. އަދި އދ.ގެ މަސައްކަތްތެރިން ދަނީ ދިމިޝްގުގައި ސަރުކާރުން ހުއްދަދީފައިވާ އާ ދެ ބޯޑަރު ކްރޮސިންމެދުވެރިކޮށް ސޫރިޔާގައި ސަލާމަތްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.