ތުރުކީއާއި ސީރިއާ ބޯޑަރު ސަރަހައްދަށް މިމަހު ކުރީކޮޅު އައި ބިންހެލުމާއި ގުޅިގެން ބިމާހަމަވި އިމާރާތްތަކުން މީހުން ސަލަމާތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި އެކި ގައުމުތަކުގެ މީހުން އަންނަނީ ކުރަމުންނެވެ. ރެއާއި ދުވާލު ހުއްޓުމެއް ނެތި އެ މަސައްކަތް ކުރަމުން އަންނައިރު، އެތަކެއް ބައެއްގެ ފުރާނަ ވެސް އެފަރާތްތަކުން މިހާރު ވަނީ ސަލާމަތް ކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާ ވެސް އަންނަނީ ދެމުންނެވެ.

ބިންހެލުން އައިތާ މިއަދަށް 10 ދުވަސްވެފައިވާއިރު، އިމާރާތްތަކުގެ ދަށުން ސަލާމަތް ވެފައިވާ މީހުން އަންނަނީ އެމީހުން އެތަނުގައި ދުވަސްތައް ހޭދަ ކުރި ގޮތް މީޑިއާތަކާއި ހިއްސާ ކުރަމުންނެވެ.

އެގޮތުން އުމުރުން 17 އަހަރުގެ ގުލްހާން ޗެރީ ހޮސްޕިޓަލުގެ އެނދުމަތީގައި އޮވެގެން ބުނެފައިވަނީ އެ ހާދިސާއަކީ ދުވަހަކު ވެސް އޭނާ ހިތުން ފިލައިގެން ދާނެ ހާދިސާއެއް ނޫން ކަމަށެވެ.

ހާދިސާ ހިނގިއިރު، އެންމެ ފުރަތަމަ ވެގެން އުޅޭ ގޮތެއް ނޭނގޭ ކަމަށާއި ވަގުތުން ދުއްވައިގަނެވުނީ އިމާރާތުން ނުކުތުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެވަގުތު އެމީހުން ދިރިއުޅެމުން އައި އިމާރާތް ކުރިމަތީގައި ހުރި އިމާރާތް ބިމާ ހަމަވި މަންޒަރު ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބިންހެލުމުގައި ތުރުކީގެ އިމާރާތެއް ބިމާހަމަވެފައި-- ފޮޓޯ: ސްކައި ނިއުސް

މަންމައާއި އެކީ އިމާރާތުން ނުކުތުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ގޭގައި ހުރި އަލަމާރިއެއް ފައި މައްޗަށް ވެއްޓި ފައި "ޗިސްޗިސް" ވި ކަމަށާއި އޭގެ ފަހުން އިމާރާތް އެއްކޮށް ބިމާހަމަވި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެވަގުތު ހިތަށް "އަލުން ދުނިޔެ ނުފެންނާނެ" ކަމަށް ވެސް ހިތަށް އެރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރެން ހީކުރީ އަހަރެން މަރުވާނީ ކަމަށް. އެއީ އެތަނުން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތީމަ. ފިތިފަ އޮތްތަން ވެސް ވަރަށް ކުޑަ. މުޅި ސަރަހައްދުން ހިރަފުސް ހުރީމަ ނޭވާލިއިރު ވެސް ހިރަފުސް ދިޔަ" އޭނާ ކިޔައިދިނެވެ.

އިމާރާތް ބިމާ ހަމަވެފައި އޮތްއިރު، މަންމަ އޭނާއަށް ގޮވަމުން ދިޔަ އަޑު އިވުނު ކަމަށާއި އަދި މަންމައަށް ވެސް އޭނާ ގޮވި ކަމަށް ހޮސްޕިޓަލުގެ އެނދުގައި އޮވެގެން އޭނާ ވަނީ ކިޔައިދީފައެވެ. ނަމަވެސް އޭނާ އޮތް ތަނުގެ ގޮތުން އެއީ ބަނދު ތަނެއްކަމުން މަންމައަށް ގޮވި ނަމަވެސް މަންމައަށް އަޑެއް ނީވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބިންހެލުމުގައި ތުރުކީއަށް ލިބުނު ގެއްލުން--ފޮޓޯ: ނިއުޔޯކް ޓައިމްސް

އަދި ފަހުން މަންމައަށް ފެނިގެން އޭނާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވީ މޭކަށިތައް ބިންދައިގެން ހުރި މަންމަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން މީހުންތައް އައިސް އޭނާ ސަލާމަތް ކުރީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިމާރާތުގެ ދަށުގައި ވީ ކިހާ ވަގުތެއްކަން ބުނަން ނޭނގުނު ނަމަވެސް އެތަނުގައި އޮތް ވަގުތު ހަމައެކަނި ވިސްނުނީ ކެންސަރު ޖެހިފައި ހުރި މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ސަލާމަތްވެވޭނެ ގޮތަކާއި މެދު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ތުރުކީއާއި ސީރިއާއަށް ބިންހެލުމުގައި މިހާތަނަށް ދެގައުމުން 41،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ތުރުކީން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.