ތުރުކީ ސީރިއާ ބިންހެލުމަށް 12 ދުވަސް ފަހުން އުމުރުން 45 އަހަރުގެ ފިރިހެނަކު ސަލާމަތްކޮށްފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސީރިޔާ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ ހަޓޭއަށް މިދިޔަ ހަފްތާ ހޯމަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމަށް ފަހު މަރުވި މީހުންގެ އަދަދު ވަނީ 41،000 އަށް އަރާފައެވެ.

އަދި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް މިހާރު ވަނީ އެތައް ހާސް މީހުންގެ ފުރާނަ ސަލާމަތް ކޮށްފައެވެ.

ފިނި މޫސުމުގައި އިމާރާތްތަކުގައި އެހާ ގިނަ ދުވަސް ވަންދެން ތާށިވެފައިވާ މީހުން ދިރިހުއްޓާ ފެނުނު ކަމުގައިވިޔަސް، ފާއިތުވި ދުވަސްތަކުގައި އެ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. ނަމަވެސް، މުޅި ހަފުތާގައި ޓީމުތަކުން ދަނީ ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުންދާ މީހުންނަށް އެންމެ ފަހުން ސަލާމަތްކޮށްފައި ވަނީ ބިންހެލުމަށް 278 ގަޑިއިރު ފަހުން ހަކަން ޔާސިނޮގްލޫ ނަމަކަށް ކިޔާ މީހެކެވެ.

މީގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތާއި އިއްޔެގެ ކުރީކޮޅު އިތުރު ތިން މީހަކު ސަލާމަތްކޮށްފައިވާއިރު އޭގެ ތެރޭގައި 14 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ.

ތުރުކީގެ ނައިބު ރައީސް ފުއާޓް އޮކްޓޭ އިއްޔެ ދުވަހު ވިދާޅުވީ އެ ސަރަހައްދުގެ 200 އެއްހާ ސައިޓެއްގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

މި ބިންހެލުމުގައި ތުރުކީ އާއި ސީރިއާގައި ގިނަބަޔަކު މަރުވިއިރު، އެތައް ހާސް ބަޔަކު ޒަހަމްވެ، އެތައް މިލިއަން ބަޔަކަށް ބޯހިޔާ ވަހިކަން ވަނީ ނުލިބިފައެވެ.

ތުރުކީގެ 11 ޕްރޮވިންސަކަށް ބިންހެލުން އައިސްފައިވާ ކަަމަށް ދައްކައެވެ.

ތުރުކީގެ އޮފިޝަލުން ބުނާގޮތުން ތިން ޕްރޮވިންސް ކަމަށްވާ އަދާނާ، ކިލިސް އަދި ސަންލިއުރްފާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެެވެ.