ސްރީ ލަންކާގެ ލޯނުތައް ދެއްކުން ދެ އަހަރަށް ފަސް ކޮށްދިނުމަށް ޗައިނާ އިން ހުށައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ސިޓީއަކާ ހަވާލާދީ ރޮއެޓާސް އިން ބުނެފައިވާ ގޮތުގައި، ސްރީ ލަންކާއިން ހޯދަން މަސައްކަތް ކުރަމުންދާ ބައިނަލްއަގުވާމީ މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ 2.9 ބިލިއަން ޑޮލަރުގެ ލޯނު ހޯދުމަށް ސްރީލަންކާއަށް އެހީވާނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ސަރަހައްދީ ވާދަވެރިން ކަމަށްވާ ޗައިނާ އާއި އިންޑިއާ އަކީ، ސްރީލަންކާއަށް އެންމެ ގިނަ ލޯނުތައް ދީފައިވާ ދެ ގައުމެވެ.

ލޯނުތައް ދެއްކުމުގައި ލަންކާއަށް ފަސޭހަ ގޮތެއް ހޯދައިދީ އެގައުމަށް އެހީވާނެ ކަމުގެ ޔަގީންކަން ދީ، އިންޑިއާއިން މި މަހުގެ ކުރީކޮޅު ވަނީ އައިއެމްއެފް އަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އައިއެމްއެފް އާއި އެކު އެންމެ ފަހުގެ އެއްބަސްވުމަކަށް އައުމަށް ސްރީ ލަންކާއަށް ޗައިނާގެ އެހީތެރިކަންވެސް ބޭނުންވެއެވެ.

ނަމަވެސް ޖެނުއަރީ 19 ވަނަ ދުވަހު މާލީ ވުޒާރާއަށް ޗައިނާއިން ފޮނުވި ސިޓީ އަށް ފަހުގައިވެސް، ސްރީލަންކާއަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ލޯނު، އައިއެމްއެފް އިން ދޫކުރާނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް މި ކަމާއި ބެހޭ މައުލޫމާތު އެނގޭ ސްރީ ލަންކާގެ މަސްދަރުތަކުން ވަނީ ބުނެފައެވެ.

ސިޓީގައި ވާ ގޮތުން، 2022 އާއި 2023 ގައި ސްރީ ލަންކާއިން ދައްކަން ޖެހޭ ލޯނު ދެއްކުމުގެ މުއްދަތު، ސްރީ ލަންކާގެ އެދުމުގެ މަތިން އިތުރު ކޮށްދިނުމަށް ތައްޔާރު ކަމަށް ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އިން ބުނެފައިވެއެވެ.

އަދި މެދު، އަދި ދިގު މުއްދަތުގެ ލޯނުތަކާއި މެދު ކަންތައް ކުރާނެ ގޮތުގެ މަޝްވަރާތައް އެ މުއްދަތުގެ ތެރޭގައި އަވަސް ކުރުމަށް ބޭންކުން ބޭނުންވާ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އައިއެމްއެފްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2020 ގެ ނިޔަލަށް ސްރީ ލަންކާއިން ޗައިނާގެ އެކްޒިމް ބޭންކަށް ދަރާފައިވާ ފައިސާގެ އަދަދު 2.83 ބިލިއަން ޑޮލަރަށް އަރައެވެ. އެއީ ލަންކާގެ ބޭރުގެ ދަރަނީގެ 3.5 އިންސައްތައެވެ.

ޗައިނާ-އެފްރިކާ ރިސާޗް އިނިޝިއޭޓިވް އިން ބުނާ ގޮތުގައި، 2022 ގެ ނިޔަލަށް، ސްރީލަންކާއިން ޗައިނާގެ ފަރާތްތަކަށް 7.4 ބިލިއަން ޑޮލަރު ދަރާފައި ވެއެވެ.

އައިއެމްއެފް އަށް އިންޑިއާގެ ސިޓީ ލިބިފައިވާ ކަން އެ އިދާރާގެ ތަރުޖަމާނަކު ކަށަވަރު ކޮށްދީފައި ވާއިރު، ޗައިނާގެ ސިޓީ އާއި ގުޅޭގޮތުން ތަރުޖަމާނު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ސިޓީއާ ގުޅިގެން ސްރީ ލަންކާގެ މާލީ، އަދި ޚާރިޖީ ވުޒާރާއިންނާއި، ޗައިނާގެ ޚާރިޖީ ވުޒާރާއިންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ސްރީލަންކާގެ އޮފިޝަލަކު ބުނެފައިވަނީ، ސްރީލަންކާއިން އުންމީދު ކުރީ އިންޑިއާ ފަދައިން ޗައިނާއިންވެސް އެގައުމަށް ސާފު ޔަގީންކަމެއް ދޭނެ ކަމަށް ކަމަށެވެ. އަދި މިއީ ޗައިނާގެ ފަރާތުން ބޭނުންވާ، އަދި އުންމީދު ކުރި މިންވަރަށް ވުރެ ވެސް ކުޑަ މިންވަރެއް ކަމަށް އޮފިޝަލް ވަނީ ބުނެފައެވެ.

ސްރީލަންކާގެ ސަރުކާރުގެ އެހެން އޮފިޝަލަކު ވިދާޅުވީ، ޗައިނާގެ ސިޓީ އައިއެމްއެފް އާ ހިއްސާކޮށް، އޭގެ ބައިތަކާ މެދު އެ އިދާރާގެ ހިޔާލެއް ހޯދަންވެސް ވިސްނަމުންދާ ކަމަށެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާ އޮތީ، ފާއިިތުވި ހަތްދިހަ އަހަރުގެ ތެރޭގައިވެސް އެގައުމު ވެއްޓުނު އެންމެ ފުން އިގުތިޞާދީ އަނދަވަޅުގައެވެ. އެ އަނދަވަޅުން އަރއިގަތުމަށްޓަކައި އެގައުމުން ދަނީ އައިއެމްއެފް އިން 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެކަމަށްޓަކައި، އެގައުމުގައި ވަރަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަ ކުޑަކޮށް އާމްދަނީ އިތުރު ކުރުމަށްޓަކައި، މުވައްޒަފުންގެ އަދަދު މަދު ކުރުމާއި، ވަޒީފާއިން މުސްކުޅިކުރާ އުމުރު ދަށް ކުރުމާއި، ޓެކްސްތައް ބޮޑު ކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އަދި އެގައުމުން އެންމެ ބޮޑަށް ދަރާފައިވާ ޗައިނާ އަދި އިންޑިއާ އާއި އެކު ދަރަނި ދެއްކުމަށް ލަންކާއަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި މެދު މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަށްވެސް އެ ގައުމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އަދި އެގައުމަށް އައިއެމްއެފްގެ ލޯނު ލިބޭގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު