އިންޑިއާގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަކިކުރި މައްސަލައިގައި ރައްޔިތުން ރުޅި ގަދަވެ، އިންޑިއާގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ރާހުލް ގާންދީގެ މައްޗަށް ޖިނާއީ އަބުރުގެ މައްސަލައެއްގައި ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުން އިދިކޮޅު އިސް ލީޑަރު ރާހުލް ގާންދީ ވަކި ކުރީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރުންގެ ނުފޫޒުންނެވެ.

2019 ވަނަ އަހަރު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވައި އޭނާގެ ނަންފުޅަށް ނިސްބަތްކޮށް ފުރައްސާރަކުރައްވައި ވާހަކަ ދެއްކެވިކަން ވަނީ ސާބިތުވެފައެވެ. ރާހުލް މެމްބަރު ކަމުން ވަކިކޮށް މަޖިލީހުގެ ދަށުގޭގެ އޮފީހުން މި އަމުރު ނެރެފައިވަނީ ގުޖުރާތު ސްޓޭޓްގެ ލޯކަލް ކޯޓުން ކުރި ހުކުމަކުން އޭނާގެ މައްޗަށް ކުށް ސާބިތުވިތާ އެއް ދުވަސް ފަހުންނެވެ.

ރާހުލް ގާންދީ ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން މުޅި އިންޑިޔާގައި މުޒާހަރާތައް ދަނީ ކުރިޔަށް ގެންދަމުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުން ރާހުލް ގާންދީ ވަކިކުރުމާއެކު އެ އަމަލަކީ ސިޔާސީ ގޮތުން ކުރިއަށް ގެންދިޔަ ދަށުދަރަޖައިގެ އަމަލެއް ކަމަށް ބުނެ ކޮންގްރެސް އިން ވަނީ މިހާރުގެ ބޮޑުވަޒީރު ނިސްބަތްވާ ޕާޓީއަށް ފާޑުކިޔާފަ އެވެ. އަދި މިކަމާއި ދެކޮޅަށް އާދީއްތަ ދުވަހު ފެށި މުޒާހަރާތައް މިއަދުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިމުޒާހަރާތައް މުޅި އިންޑިއާގައި ކުރިއަށް ގެންދިއުމަށް ކޮންގްރެސް ޕާޓީއިން ރާވާފައިވާއިރު، އިންޑިއާގެ ހިމާޝަލް ޕްރަދޭޝް، ރާޖަސްތާން، ޓެލަންގަނާ، ޕަންޖާބު، ހަރިޔާނާ އަދި ގުޖުރާތު ސްޓޭޓްތަކުގައި ވެސް ކޮންގްރެސްގެ އެއްވުންތައް މިހާތަނަށް ވަނީ ބާއްވާފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިދިކޮޅު ޕާޓީން ހިންގާ ހަމަނުޖެހުމުގައި އިދިކޮޅު ޕާޓީތަކުގެ ގިނަ ލީޑަރުން ބައިވެރިވެފައިވެއެވެ. މުޒާހަރާގައި ބައިވެރިވަމުންދާ މަޖިލީހުގެ މެމްބަރުން މަޖިލީހަށް މިއަދު ހާޒިރުވެފައިވަނީ ކަޅުހެދުމުގައެވެ. މެމްބަރުން ވަނީ މަޖިލީހުގެ އެތެރޭގައި ވެސް މުޒާހަރާ ކުރުމުގެ ގޮތުން އަޑުއުފުލާ މަޖިލީހުގެ ބައެއް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެެ.

ރާހުލް ގާންދީއަށް ޖަލު ހުކުމެއް އިއްވާފައި ވާނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ކަފާލާތުގެ ދަށުން 30 ދުވަސް ވަންދެން ދޫކޮށްލާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ރާހުލް ގާންދީގެ ވަކީލުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    އިންޑިޔާ ބޮޑުވަޒީރުގެ އުނދަގޫ މިޖެހުނީ ރާއްޖެ އަށް އެކަންޔެއް ނޫނެވެ. އެތައް މިލިއަން އިންޑިޔާ މީހުން ވެސް އުނދަގޫ ވެގެން މުޒާހަރާ އަށް ނިކުންނަނީ އެވެ.

    18