އިސްރާއީލް ސަރުކާރާ ދެކޮޅަށް ނުކުމެ މެކް ޑޮނާލްޑްގެ 200 އައުޓްލެޓް ބަންދުކޮށްފިއެވެ.

އިސްރާއީލްގެ އެކި ސަރަހައްދުތަކުގައި ހުރި މެކް ޑޮނާލްޑްގެ 200 އައުޓްލެޓް ބަންދު ކުރަން ނިންމީ އިސްރާއީލްގެ މަސައްކަތްތެރިންގެ އެންމެ ބޮޑު ޔޫނިއަން އިން އެގައުމުގެ ސަރުކާރާ ދެކޮޅަށް ބޮޑު އިހުތިޖާޖެއް ކުރާނެކަން އިއުލާން ކުރުމުން އެކަމަށް ތާއީދު ކުރުމުގެ ގޮތުންނެވެ.

މެކް ޑޮނާލްޑް އިން ކުރި އިއުލާނެއްގައި ބުނީ މަސައްކަތްތެރިންގެ އެންމެ ބޮޑު ޔޫނިއަނުން ކުރާ މުޒާހަރާގައި ބައިވެރިވާން ނިންމާފައިވާ ކަމަށެވެ. އަދި މެކް ޑޮނާލްޑްގެ ހުރިހާ ބްރާންޗުތަކެއް ބަންދު ކުރަން ފަށާފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

މެކް ޑޮނާލްޑަކީ އިސްރާއީލްގައި ހުރި އެންމެ ބޮޑު ބާގާ ފްރެންޗައިޒްއެވެ.

އިސްރާއީލްގެ އެންމެ ބޮޑު ޔޫނިއަން ކަމަށްވާ ހިސްޓަޑްރަޓް އިން މިއަދު އިހްތިޖާޖް ފަށާއިރު، އެ ޔޫނިއަނުން ޑިމާންޑް ކުރަނީ ޝަރުއީ ދާއިރާ އޯވަހޯލް ކުރަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކޮށްފައި އޮތް ޕްލޭން އަނބުރާ ގެންދިއުމަށެވެ.

މިއަދު ކުރިއަށް ގެންދަން ނިންމާފައިވާ އިހްތިޖާޖާ އިސްރާއީލްގެ ސްކޫލްތަކާއި، ކިންޑަގާޑަންތައް ވެސް ބަންދުކުރަން ވަނީ ފަށައިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރެޝަރު ބޮޑުވެފައި ވާތީ ގޮތްހުސްވެގެން ނަތަންޔާހޫގެ ޝަރުއީ ދާއިރާ އޯވަހޯލް ކުރާ ބިލް އަނބުރާ ގެންދަން އޭނާ އަށް މަޖުބޫރުވާނެއެވެ.

ބިލް އަނބުރާ ގެންދަން ނިންމިކަން މިއަދުގެ ވަގުތެއްގައި ނަތަންޔާހޫ އިއުލާން ކުރާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ. ނަމަވެސް ބިލް އަނބުރާ ގެންދަން ނިންމިކަމުގެ އެއްވެސް އިޝާރާތެއް އަދި ނަތަންޔާހޫގެ ފަރާތުން ނުކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު