ރަމަޟާން މަހުގެ 17 ވަނަ ރޭ ހަރަމްފުޅަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވިކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނެފިއެވެ.

ދެ ހަރަމްފުޅުގެ ކަންކަމާ ބެހޭ އިދާރާއިން ވަނީ ގަވާއިދުން ދުއްވާ 5،000 އުޅަނދާއި ގާތްގަނޑަކަށް 3،000 ކަރަންޓު އުޅަނދު ތައްޔާރުކޮށް، އެ އުޅަނދުތައް ނަޤްލް އެޕްލިކޭޝަން މެދުވެރިކޮށް ގުޅުވައިފައެވެ.

ހަމައެއާއެކު، 1.9 މިލިއަން މީހުން ވަނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ބަސްތައް ބޭނުންކޮށްފައި ކަމަށްވެސް ސައުދީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 271،000 މީހުން މި ބަސްތަކުން ދަތުރުކުރާކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައިއެވެ.

މީގެ އިތުރަށްވެސް އެ އިދާރާއިން ވަނީ 4،000 އަންހެން އަދި ފިރިހެން މަސައްކަތްތެރިންގެ ފީލްޑް މަސައްކަތްތައް މޮނިޓަރ ކުރުމަށް ޝަރުތު ހަމަވާ 200 ސައުދީ ސުޕަވައިޒަރުން ވެސް އައްޔަންކޮށްފައިއެވެ.
އިސްވެދިޔަ ފިލްޑް މަސައްކަތުގެ ތެރޭގައި ހިމެނެނީ ދުވާލަކު 10 ފަހަރު ހަރަމްފުޅު ދޮވުމާއި، 7،000 ފުޅި ޒަމްޒަމް ފެން ތައްޔާރުކުރުމާއި، އެ ފެން 800 މަސައްކަތްތެރިން މެދުވެރިކޮށް ޒިޔާރަތްކުރާ ފަރާތްތަކަށް ބަހާލުމެވެ.
މީގެ އިތުރުން މުޅި ހަރަމްފުޅުގައި 4،500 ކޮންޓެއިނަރުގެ ޒަމްޒަމް ފެން ބެހުމަށް ފަހު، އެއިން ގާތްގަނޑަކަށް 500،000 ލީޓަރު ބޭނުން ކުރަމުންދާ ކަމަށް ވެސް ސައުދީ ސަރުކާރުން ހާމަކޮށްފައިވެއެވެ.
ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުކަމަށް ޚާއްސަ ސަމާޅުކަމެއް ދެވޭ މައްސަރެއް ކަމުން، ރަމަޟާން މަހުގައި މައްކާއަށް އަޅުކުރަން އަންނަ މީހުންގެ އަދަދު އިތުރުވެގެންދެއެވެ. އެހެންކަމުން، ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ސައުދީ ސަރުކާރުން ދަނީ ހަރަމްފުޅާއި އެ ތަނުގެ ވަސީލަތްތައް މެދުނުކެނޑި ސެނިޓައިޒްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު