މިހާރު އިންޓަނެޓްގައި ލީކްވެފައިވާ އެމެރިކާގެ އަސްކަރީ ލިޔެކިޔުންތަކުން ނޭޓޯގެ ސިފައިންގެ ލަޝްކަރެއް ޔޫކްރޭންގައި ހަރަކާތްތެރިވަމުން އަންނަކަން ހާމަވެއްޖެއެވެ.

ލީކްވެފައިވާ އެމެރިކާގެ އަސްކަރީ ލިޔުންތަކާއި ހަވާލާދީ އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ބުނީ ނޭޓޯގެ 97 ސިފައިންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ޔޫކްރޭންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އޭގެތެރެއިން 50 ސިފައިންނަކީ އިނގިރޭސިވިލާތުގެ ސިފައިންނެވެ. އޭގެ އިތުރުން އެމެރިކާގެ 14 ސިފައިންނާއި ފްރާންސްގެ 15 ސިފައިން ވެސް މި ލަޝްކަރުގައި ހިމެނެއެވެ.

ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ނޭޓޯގެ މަދަދު ޔޫކްރޭނަށް ލިބެމުން ދިޔަ ނަމަވެސް ނޭޓޯ އިން އަމަލީ ގޮތުން ހަނގުރާމައިގައި ބައިވެރިވަމުން އަންނަކަން މީގެ ކުރިން ހާމަވެފައެއް ނުވެއެވެ. ނޭޓޯގެ ގައުމުތަކުގެ ސިފައިން ޔޫކްރޭންގައި ހަރަކާތްތެރިވަމުން އަންނަނީ ވެސް ވަރަށް ސިއްރުންނެވެ.

ލީކްވެފައިވާ އެމެރިކާގެ "ސިއްރު" ޖަހާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ޔޫކްރޭންގައި އެމެރިކާގެ ނޭވީ ސީލްގެ ސިފައިންގެ އިތުރުން އާމީ ޑެލްޓާ ފޯސް ނަމުގައި އޮންނަ ޔުނިޓްގެ ސިފައިން ވެސް ހަރަކާތްތެރިވެއެވެ. ޔޫކްރޭންގައި ހަރަކާތްތެރިވަމުން އަންނަ އިނގިރޭސިވިލާތުގެ ސިފައިންނަކީ އިނގިރޭސިވިލާތުގެ ސްޕެޝަލް އެއާ ސާވިސްގެ ސިފައިންނެވެ.

ލީކްވެފައިވާ އެމެރިކާގެ ސިއްރު އެހެން ލިޔުމެއް ބުނާ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ދަށުގައި ތިބި 29 މީހަކު ޔޫކްރޭންގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އޭގެތެރެއިން 14 މީހުންނަކީ ކުރިން ބުނި ލިޔުމުގައި ހިމެނޭ 14 ސިފައިންނެވެ. ދެން ތިބި މީހުންގެ ތެރޭގައި ކިއޭވްގައި ހުންނަ އެމެރިކާ އެމްބަސީގެ ސަލާމަތީ ކަންކަން ބަލަހައްޓާ މެރީންސް އާއި މިލިޓަރީ އެޓާޗްސް ހިމެނެއެވެ. އަދި ސްޓޭޑް ޑިޕާޓްމަންޓްގެ އިތުރު 71 މީހަކު ވެސް ޔޫކްރޭންގައި އެބަތިއްބެވެ.

މިދިޔަ ހަފްތާ އިން ފެށިގެން އެމެރިކާގެ ވަރަށް ސިއްރު ގިނަ އަސްކަރީ މައުލޫމާތުތަކެއް އިންޓަނެޓްގައި ވަނީ ލީކް ވެފައެވެ. އެލިޔުންތައް ލީކްވިކަން އެމެރިކާ ސަރުކާރުން ރަސްމީކޮށް ކަށަވަރު ކޮށްނުދިން ނަމަވެސް ޕެންޓަގަން އިން ވަނީ ލީކާއި ގުޅިގެން ތަހްގީގެއް ފަށާފައެވެ.

ޔޫކްރޭންގައި ނޭޓޯގެ ސިފައިން ހަރަކާތްތެރިވަމުން ދާކަން ނޭޓޯ އިން ވެސް އަދި ސިފައިން ނިސްބަތްވާ ގައުމުތަކުން ވެސް ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް 2022 ވަނަ އަހަރު ވެސް ފްރާންސްގެ ނޫހަކުން ވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސްގެ ސިފައިން ޔޫކްރޭން، ރަޝިއާ ހަނގުރާމަ ފެށުނީއްސުރެ ޔޫކްރޭންގައި ހަރަކާތްތެރި ވަމުންދާކަމަށް ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު