އިނގިރޭސިވިލާތުގެ ޑެޕިއުޓީ ބޮޑުވަޒީރު، ޑޮމިނިކް ރާބް އިސްތިއުފާ ދެއްވައިފިއެވެ.

ޑޮމިނިކް އިސްތިއުފާދެއްވިކަން އިއުލާންކުރައްވާފައިވަނީ އޭނާގެ ޓްވިޓަރ އެކައުންޓްގައި އިސްތިއުފާއަށް އެދިވަޑައިގެން ހުށަހެޅުއްވި ސިޓީ ޢާންމުކުރައްވަމުންނެވެ.

އޭނާ މަޤާމުން އިސްތިއުފާ ދީފައިވަނީ އޭނާއާއި ދެކޮޅަށް ގަނާކުރުމުގެ ޝަކުވާތައް ހުށަހެޅި އެ މައްސަލައިގެ މިނިވަން މުސްތަގިއްލު ތަހުގީގެއް ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރަމުން ދަނިކޮށް ކަމަށް ބޭރުގެ މީޑިއާ ޗެނެލްތަކުން ރިޕޯޓްކޮށްފައިވެއެވެ. މަސައްކަތުގެ މާހައުލުގައި ޑޮމިނިކްގެ ފަރާތުން މަސައްކަތުގައި ގެންގުޅެންޖެހޭ ސުލޫކުތައް ފެނިގެންނުދާ ކަމުގެ ޝަކުވާތައް އޭނާއާއިއެކީ މަސައްކަތްކުރާ ފަރާތްތަކުގެ ފަރާތުންވެސް ވަނީ ފެންމަތިވެފައިއެވެ.

އޭނާއާއި ދެކޮޅަށް ދައްކަމުންދާ ވާހަކަތަކަށް ރައްދު ޖަވާބު ދެއްވަމުން، ޑޮމިނިކް ވިދާޅުވީ މައްސަލަ ހުށަހެޅި ފަރާތަށް އޭނާއަކީ މުވައްޒަފުންނާއި ދިމާލަށް ބާރަށް ހަޅޭއްލަވާ، ހަޑި ހުތުރު ބަހުން ވާހަކަދައްކާ، މުވައްޒަފުންނަށް އެއްވެސް ސިފައެއްގައި ބިރު ދައްކާ ނުވަތަ މުވައްޒަފުންނާއި ދިމާލަށް އެއްޗެހި އުކާ ހަދާ މީހެކޭ ބުނެވޭނެ ފުރުޞަތެއް ވޭތުވެދިޔަ އަހަރުތަކުގައި ދެވިފައި ނުވާނެ ކަމަށެވެ.

އޭނާގެ ސިޓީގައި ޑޮމިނިކް ފާހަގަކުރެއްވި ގޮތުގައި މިނިސްޓަރުންނަކީ ރައްޔިތުންނަށް ޚިދުމަތް ކުރައްވަން އައްޔަންކޮށްފައިވާ ބައެއް ކަމުން މުވައްޒަފުންގެ މަސައްކަތާއި ގުޅޭގޮތުން ބިނާކުރަނިވި ފާޑުކިޔުންތައް ކިޔުމާއި މުވައްޒަފުންގެ މަސައްކަތްތައް ކައިރިން ބެލުމުގެ ޙައްޤު ލިބިގެންވާ ބައެއް ކަމަށެވެ. މި ސިޓީގައި ޑޮމިނިކް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކުށެއް ނެތް މިނިސްޓަރުންނާއި ދެކޮޅަށް މިފަދަ މައްސަލަތައް ހުށަހެޅުމުން މިނިސްޓަރުންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.

އިސްތިއުފާއަށް އެދި ހުށަހަޅުއްވާފައިވާ ސިޓީގައި އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން މިނިސްޓަރެއްގެ މަޤާމް އަދާކުރައްވަން ލިބިވަޑައިގަތުމުން، އެ ފުރުޞަތަށް ޝުކުރު އަދާކުރައްވާފައިއެެވެ.